މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުގެ ހެކިން ހާޒިރުނުކުރެވިގެން އަޑުއެހުންތައް 1 މަސް ދުވަހަށް ފަސްކޮށްދިނުމަށް ޕީޖީ އޮފީހުން އެދިއްޖެއެވެ.
މިކަން ހާމަކޮށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ 11:00ށް މި މައްސަލައިގައި އަޑުއެހުމެއް ތާވަލުކުރެވުނު ކަމަށެވެ. އަދި އަޑުއެހުން ތާވަލުކުރެވުނީ އިންޑިއާގައި ތިބި ދައުލަތުގެ ހެކިންތަކެއްގެ (ޑޮކްޓަރުންތަކެއް) ހެކިބަސް ނެގުމަށް ކަމަށެވެ.
އަދި ހެކިބަސް ނެގުމަށް އަޑުއެހުން ތާވަލުކުރެވިފައިވަނިކޮށް، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅިގެން ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިންޑިއާގެ ހައިކޮމިޝަނުން ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއަށް އަންގާފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއްގެ ހެކިބަސް ނެގުމުގައި ވަކި އިޖުރާއަތަކުން އަމަލުކުރުމަށް އޭނާ ނިސްބަތްވާ ގައުމުގެ ކަމާއިބެހޭ ފަރާތުުން އެދިވަޑައިގެންފައިވާނަމަ، އެ ގައުމަކުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންދިއުމަށް ބަންޑާރަ ނައިބުގެ ލަފާ ދެއްވާފައިވާ ކަމަށް ހާރިޖީ ވުޒާރާއިން ޕީޖީ އޮފީހަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް އިންޑިއާގެ ސެންޓްރަލް އޮތޯރިޓީއަށް ފޮނުވުމަށްޓަކައި ހާރިޖީ ވުޒާރާއަށް ފޮނުވާފައިވާތީ 28 ޖުލައިގައި ތާވަލުކުރެވިފައިވާ އަޑުއެހުން 1 މަސް ދުވަހަށް ފަސްކޮށްދެއްވުމަށް އެދި 24 ޖުލައިގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެކޯޓުން ބުނެއެވެ.
މި މައްސަލައިގައި އެންމެ ފަހުން ހެކި ނަގާފައިވަނީ މޭރީގެ ފިރިމީހާ މާވިން އާއި މޭރީ އާ އެއް އެޕާޓްމަންޓެއްގައި އުޅުނު ނަރުހެއްގެ ހެކިބަހެވެ. މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުވާއުފުލާފައިވަނީ އޭނާގެ ފިރިމީހާ މާވިން އަދި އޭނާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އައިޖީއެމްއެޗްގައި މަސައްކަތްކުރި ހަލީމަތު ލަމްހާއަށެވެ.