ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 12:29
މިދިޔަ ސަރުކާރުން ފީއަލީގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި
މިދިޔަ ސަރުކާރުން ފީއަލީގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި
ރާއްޖެ އެމްވީ
ފީއަލީގެ ތަރައްޤީ ހުއްޓުން
ތަރައްޤީގެ މަޝްރޫއުތައް ހުއްޓި ފީއަލީ ރައްޔިތުން މާޔޫސްކަމެއްގައި، އަޑު އުފުލާނެ މީހަކު ވެސް ނެތް!
އޭޕްރީލް މަހުގެ ތެރޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، އޭރު ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމާއެކު، ތަރައްޤީގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އަތޮޅު ތެރޭގެ ރަށް ރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތަކަށް ހުއްޓުން އައިސްފައިވާ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަތޮޅު ތެރޭގެ ރަށްތަކުގައި ފަށާފައިވާ ހުރިހާ މަސައްކަތެއް ކަހަލަ ގޮތަކަށް ހުއްޓިއްޖެ އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، އޭރު ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމާއެކު، ތަރައްޤީގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ދާނެ ކަމަށެވެ. ގިނަ ރައްޔިތުންނަށް ސިފަވީ ވެސް އެކަހަލަ މަންޒަރެކެވެ. ރަށް ރަށުގައި މަސައްކަތް ކުރުމަށް ގެނެސްފައިވާ ވެހިކަލްތައް ހުއްޓިފައިވާއިރު، އެ ވެހިކަލްތަކަށް ތެޔޮ އެޅި، ހިނގަން ފެށެން އޮތީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ސިފަވި އެވެ.

ކޮންމެ އަކަސް ރައްޔިތުން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނެވެ. މެޖޯރިޓީއެއް ވެސް ނޫނެވެ. ސުޕަ މެޖޯރިޓީގެ ވެސް، ސުޕަ މެޖޯރިޓީ އެވެ. މެޖޯރިޓީ ހޯދުމަށް ސަރުކާރުން އިންތިހާ އަށް މަސައްކަތް ކުރިއިރު، ބައެއް ގޮނޑިތައް ކާމިޔާބު ކުރީ ދައުލަތް އަރި ކޮށްލައިގެންނެވެ. އެހެން ނަމަވެސް، މެޖޯރިޓީ އާއެކު ވެސް ރަށް ރަށުގެ ތަރައްޤީގެ މަޝްރޫއުތަކެއް ނުފެށެވެ. ފެށުމުގެ ބަދަލުގައި މިހާރު ދައްކަވަނީ އެހެން ވާހަކަ އެކެވެ. ސަރުކާރުން މިހާރު ބުނަމުން ދަނީ ރައްޔިތުން "ބަތާއި ގަރު ދިޔައިގެ" ދިރި އުޅުމަކަށް ތިރިވެލަން ޖެހިފައިވާ ވާހަކަ އެވެ.

ފީއަލީގައި ޤާއިމު ކުރި އައު އިންޖީނުގެ ރައީސް ޞާލިޙު ހުޅުވައި ދެއްވަނީ - ރައީސް އޮފީސް

ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައިވާ ރަށްތަކުގެ ތެރެއިން އެއް ރަށަކީ ފ.ފީއައްޔެވެ. ހުދު އަޅުގަނޑު ވެސް އެ ރަށަކަށް ނިސްބަތްވާ، އަޅުގަނޑުގެ އުފަން ރަށެވެ. ހުއްޓިފައިވާ ވާހަކަ މި ދައްކަނީ ދެ މީހަކު ބުނެލާ ބަހަކަށް ނޫނެވެ. އެކަން ލޮލުން ދެކި އަތުން ވެސް ހިފައިފަ އެވެ. ތަރައްޤީގެ އެއްވެސް މަޝްރޫއެއް ރަށުގައި ކުރިއަށް ނުދާއިރު، މި ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން ވެސް ތިބީ މާޔޫސްވެފަ އެވެ. ދިމާވެލާ ބައެއް ފަހަރު ކޮންމެ ވެސް ރާގެއްގައި އެ ވާހަކަ ދައްކަ އެވެ.

ރައީސް ޞާލިޙުގެ ފަސް އަހަރަކީ ފީއަލީގައި މިހާތަނަށް އެންމެ ގިނަ ތަރައްޤީގެ މަޝްރޫއުތައް ހިންގުނު ފަސް އަހަރު ދުވަހެވެ. ބައެއް މަޝްރޫއުތައް ފަށައި ނިންމާފައިވާއިރު، އަނެއް ބައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އޭރު އޮތީ ފެށިފަ އެވެ. އޭގެ ތެރެއިން ވެސް ނިމިފައިވާ މަޝްރޫއުތަކުގެ ތެރޭގައި، އައު އިންޖީނުގެ ބިނާ ކުރުމާއި، ރަށުގެ ކަރަންޓު ކޭބަލް ބަދަލު ކުރުމާއި، މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓު ޤާއިމު ކުރުން އޮތީ ނިމިފަ އެވެ.

އޭގެ އިތުރުން ދަތުރު ފަތުރުގެ ނިޒާމު ފުރިހަމަ ކުރުމަށް ފ.އަތޮޅުގައި އެމްޓީސީސީ ފެރީގެ ޚިދުމަތް ދިނުމާއި، ފީއައްޔަށް ޒަމާނީ އެމްބިއުލާންސެއް ވެސް ގެނައުން ފާހަގަކޮށްލަން ޖެހެ އެވެ. މިއީ ވެސް އެކި ސަރުކާރުތަކަށް ޙައްލު ނުކުރެވި އޮތް މައްސަލަތަކެވެ. ރަށުގައި ކުޑަކުދިންގެ ޕާކެއް ޤާއިމު ކުރުމާއި، އައުޓް ޑޯ ޖިމެއް ވެސް ޤާއިމުކޮށް ނިންމި އެވެ.

އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމު ކުރުމާއި، ބިން ހިއްކުމާއި، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމު ކުރުމާއި، އިންޑޯ ވޮލީ ކޯޓެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށުމާއި، އައު މެޖިސްޓްރޭޓް ކޯޓެއް ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް ވެސް އޮތީ ފެށިފަ އެވެ.

މިދިޔަ ސަރުކާރުން ފީއަލީގައި ހިއްކަން ފަށާފައިވާ ސަރަހައްދު - ރާއްޖެ އެމްވީ

އެހެން ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރަށް އަށް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެ، އަހަރެއް ވާން ކައިވެރިވެފައިވާއިރު، ފީއަލީގެ ތަރައްޤީގެ މަޝްރޫއުތައް އޮތީ މަޑު ޖެހިފަ އެވެ. ނޫން ނަމަ ހުއްޓިފަ އެވެ. ރައީސާއި، ރައީސްގެ ސަޕޯޓަރުންގެ ބަހުން ބުނާ ނަމަ، "މުއިއްޒު ސްޕީޑުގައި" މަޑު ޖެހިފަ އެވެ. އޭގެން އެއްވެސް މަސައްކަތެއް މިހާރު ކުރިއަކަށް ނުދެ އެވެ. މަޖިލިސް އިންތިޚާބުގައި ދެއްކި ވާހަކަތައް މިހާރު ހޯދަން ޖެހެނީ، ރަށުގެ އޮއެކޮޅު މަގާ ދިމާލު ބޭރުންނެވެ.

ބިން ހިއްކުމުގެ މަޝްރޫއު އޮތީ ރައީސް ޞާލިޙުގެ ސަރުކާރުގައި ކުރެވުނު މަސައްކަތެއް ކުރެވުނު ގޮތަށެވެ. މަޖިލިސް އިންތިޚާބުގައި ފީއައްޔަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައި އޮތީ، ފީއަލީ ރައްޔިތުން ބޭނުންވާ ގޮތަށް، އަދި އެއަށް ވުރެ ވެސް ފުރިހަމަ އަށް ބިން ހިއްކަވައި ދެއްވާނެ އެވެ. އޭގެ ފަހުން ވެސް ތިން މަސް ދުވަސް ވެފައިވާއިރު، އެކަން އޮތް ހިސާބެއް އިނގޭ މީހަކު މި ހަމަ ފޮޅު މަތީގައި ވެސް ނެތެވެ.

ފީއަލީގައި ޤާއިމު ކުރަން ފަށާފައިވާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތަކީ ވެސް އޭގެ ތެރެއިން މިސާލެކެވެ. ރައީސް ޞާލިޙުގެ ސަރުކާރުން އޭރު ހަމަޖައްސާފައި އޮތް ބަޖެޓުން ކުރެވުނު މަސައްކަތެއް ކުރެވުނީ އެވެ. މިހާރު އެ މަސައްކަތް ހުއްޓިފައި އެ ހުރީ މި ސަރުކާރުން އެކަމަށް ބޭނުންވާ ފައިސާ ހަމަ ޖައްސައި ނުދީގެންނެވެ.

ފ.އަތޮޅު މަދަރުސާގައި ޤާއިމު ކުރަން ފަށާފައިވާ ސައިންސް ލެބުގެ ވާހަކަ ވެސް ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. މިދިޔަ ސަރުކާރުގައި އެތައް މަސައްކަތަކަށްފަހު، ފ.އަތޮޅު މަދަރުސާގެ ސައިންސް ލެބުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށި ނަމަވެސް، މި ސަރުކާރާ އެކު އެ މަސައްކަތަށް ވެސް ވަނީ ހުއްޓުން އައިސްފަ އެވެ.

ދެން ވެސް ހުރި މަސައްކަތްތައް ހުރީ ވެސް އެ ފަދަ ޙާލަތެއްގަ އެވެ. ފެނުގެ ނިޒާމު ޤާއިމު ކުުރުމުގެ މަސައްކަތާއި، އިންޑޯ ވޮލީ ކޯޓުގެ މަސައްކަތާއި، އައު މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ކުރިއަށް ދާނެ ތާރީޚެއް ނުވަތަ ދުވަހެއް ދެނަހުރި މީހަކު ވެސް ނެތީ އެވެ.

ފީއަލީ ގައި ޤާއިމު ކުރަން ފަށާފައިވާ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހުއްޓިފައި - ރާއްޖެ އެމްވީ

މިއިން ކޮންމެ ކަމަކީ ރަށުގެ ރައްޔިތުންގެ މުސްތަޤުބަލާ ގުޅިފައިވާ ކަންކަމަށްވީ އިރު، މި މަސައްކަތްތައް ކުރިއަށް ނުދާތީ ރަށުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަ އޮތެވެ. އެއްކޮޅެއް، ދެކޮޅެއް، އިދިކޮޅެއް ކިޔާނެ ކަމެއް ނެތެވެ. ޒުވާނެއް، މުސްކުޅިއެއް، އަންހެނެއް، ފިރިހެނެއް ވެސް ކިޔާނެ ކަމެއް ނެތެވެ. މަޝްރޫއުތައް މަޑު ޖެހިފައިވާއިރު، އެކަންކަން އަވަސް ކުރުމަށް ބާރު އަޅާނެ މީހަކު ވެސް ނެތޭ ދެންނެވިދާނެ އެވެ.

ބާރު އަޅާނެ ފަރާތަކަށް ހުރީ ވެސް ބިލެތްދޫ ދާއިރާގެ މަޖިލިސް މެމްބަރެވެ. ދާއިރާގެ އަޑު މަޖިލީހުގައި ގަދަވާނެ ކަމާއި، ދާއިރާގެ ޙައްޤުގައި ނުކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ކެމްޕެއިން ތެރޭގައި ވިދާޅުވި މިހާރުގެ މެމްބަރު އަޙްމަދު އަސްލަމްގެ އަޑެއް ބަޑެއް ނީވެ އެވެ. މި މަޝްރޫއުތަކާ ގުޅޭ ވަޒީރުން މަޖިލީހަށް ޙާޟިރު ކުރިއިރު، ދާއިރާގެ މައިކޮ އޮން ކޮށްލައި ވަޒީރަކާ ސުވާލެއް ކޮށްލަން ނުކެރުނެވެ.

އެކަމުގެ ކަންބޮޑުވުން ފީއަލީ ރައްޔިތުންގެ އެބަ އޮތެވެ. ދާއިރާގެ ޙައްޤުގައި މެމްބަރު މަސައްކަތް ނުކުރާ ވާހަކަ ދައްކަ އެވެ. އެކަމުގެ މިސާލު ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު، އަޙްމަދު ޙަލީމް (ދޮންބިލެތް) ވެސް މި ފަހުން ވިދާޅުވި އެވެ. ދޮންބިލެތް ވިދާޅުވީ، "ބިލެތްދޫ ދާއިރާގެ މައިކު އޮން ނުވާ" ކަމަށެވެ.

ފީއަލީ ގައި ޤާއިމު ކުރަން ފަށާފައިވާ އިންޑޯ ވޮލީ ކޯޓުގެ މަސައްކަތް ހުއްޓިފައި - ރާއްޖެ އެމްވީ

ފީއަލީ ކައުންސިލްގެ ކަންބޮޑުވުން ވެސް މިކަމުގައި އެބަ އޮތެވެ. ރަށުގެ ތަރައްޤީ އަށް މި ސަރުކާރުން ވެސް ކުރާ ކަންކަމަށް އެއްބާރުލުން ދެއްވާނެކަން ފާހަގަ ކުރައްވައި ކައުންސިލް ރައީސް މޫސާ އަޙުމަދު ވިދާޅުވީ، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މި ސަރުކާރުން ވެފައިވާ ވައުދުތަކާ ހަމައަށް ނުދާއިރު، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ނުކުރާ ކަަމަށް މޫސަ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ފީއަލީގެ ތަރައްޤީ އަށް ވިސްނައިގެން ކައުންސިލުން ކުރަން ބޭނުންވާ އަދި ގަސްތުކޮށްފައިވާ ކަންކަމަށް ސަރުކާރުގެ އެތެރެއިން ހުރަސް އަޅުމުންދާ ކަމަށް މޫސަ ތުހުމަތު ކުރެއްވި އެވެ. މޫސަ ވިދާޅުވީ ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ކައުންސިލުން އޮތީ ސަރުކާރަށް އެއްބާރުލުން ދޭން ކަމަށާއި، އެއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް