Advertisement
ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 13:49
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
މައުލޫމާތު ހޯދައި ލިބިގަތުން
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގައި ބުނާ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ކުންފުނިތައްވެސް ހިމެނޭނެ
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ 5 ފަނޑިޔާރުންގެ ބެންޗަކުން
އައިކޮމްގެ އޮފީހުން ގެޒެޓުކުރި ޤަވައިދުގައި ދައުލަތުގެ އިދާރާތައް މާނަކޮށްފައިވަނީ މާ ފުޅާކޮށްކަމަށް އެމްޓީސީސީން ބުނޭ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރިއާޔަތް ކުރާއިރު، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ކުންފުނިތައްވެސް ހިމެނޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ނިންމި މި މައްސަލަ ރައްދުވާ ފަރާތްތަކަކީ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބާއި އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެވެ. އެމްޓީސީސީން ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ މައުލުމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ އިދާރާ މާނަކޮށްފައިވަނީ ދައުލަތުގެ 3 ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު މަޤާމުތަކުގެ އިތުރުން، ސަލާމަތީ ޚިދުމަތްތަކާއި، ޤާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވޭ ކައުންސިލުތައްވެސް ހިމަނައިގެން ކަމަށެވެ.

އޭގެ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ގެޒެޓުކުރި ޤަވާއިދުގައި ދައުލަތުގެ އިދާރާތައް މާނަކޮށްފައިވަނީ އެއަށްވުރެ ފުޅާކޮށްކަން ބަޔާންކޮށް އެމްޓީސީސީން ވަނީ އެ ޤަވާއިދުގައި ދައުލަތުގެ އިދާރާތައް މާނަކޮށްފައިވާ ބައި އުނިކޮށްދިނުމަށް އެދިފައެވެ.

އެ ޤަވާއިދުގައި ބުނެފައިވަނީ އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުން އުފައްދާފައިވާ ކުންފުނިތައްވެސް މި ގަވާއިދުގެ ބޭނުމައްޓަކައި ބަލާނީ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ނިމުނީ އެމްޓީސީސީން އެދުނު ގޮތަށް އެ މާއްދާ ބާތިލު ކުރެވެން ނެތް ކަމަށެވެ.

Advertisement

ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ނިންމި މި މައްސަލައަކީ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެމްޓީސީސީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.

މި މައްސަލަ ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ 63 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" ގެ މާނަކުރުމުގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ހިމަނާފައި އޮތުމަކީ ޤާނޫނުގެ އިމުގެ ބޭރުން ނުވަތަ ޤާނޫނާ ފުށުއަރާ ގޮތަށް ބަޔާންކުރެވިފައި އޮތް އޮތުމެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމަށާއި، މިއީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ޤާނޫނުގެ މާނައިން ބޭރުން ކުރެވިފައިވާ މާނަކުރުމެއް ކަމަކަށް ނުދެކޭ ކަމަށެވެ.

އޭގެ އިތުރުން، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީލިބިގެން ހިންގާ ކޮންމެ ތަނެއް ދައުލަތުގެ އިދާރާ ގޮތުގައި މާނަ ކުރެވޭއިރު، އޭގެ ތެރޭގައި ކުންފުނިތައްވެސް ހިމެނޭނެކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި އެކަމާ ގުޅޭ މާއްދާގެ ޢިބާރާތަށް ބަލާއިރު "ކޮންމެ ތަނެއް" މިފަދައިން އޮތުމުން ، އެމާއްދާގައި ބަޔާންކުރާ ޝަރުޠުތައް ނުވަތަ ސިފަތައް ދައުލަތުން އުފައްދާފައިވާ ކުންފުންޏެއްގައި ނުވަތަ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ނުވަތަ އެނޫންވެސް ކޮންމެ ތަނެއްގައި ހިމެނޭކަމަށްވާނަމަ، އެތަނެއް ނުވަތަ އެކުންފުންޏަކީ ޤާނޫނުގެ ބޭނުމަށް ދައުލަތުގެ އިދާރާގެ ތެރޭގައި ހިމެނޭނެ ތަނެއްކަން ސާފުކޮށް އެނގޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް