ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 11:05
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އެޑަސަން
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އެޑަސަން
ރޮއިޓާރސް
މެންޗެސްޓާ ސިޓީ
ބަދަލު ކީޕަރާމެދު މައްސަލައެއްނެތް، ދާނެ އެހެންތަނެއް ވެސް ނެތް: އެޑަސަން
ސިޓީން އެޑަސަން ވިއްކަން ކިޔާ އަގަކީ 50 މިލިއަން ޔޫރޯ އެވެ.

މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން އެ ޓީމު ދޫކޮށްލަން އުޅޭ ވާހަކަ އާއި ބަދަލު ކީޕަރު ސްޓެފަން އޮރްޓޭގާއާ ދެމެދު ނުތަނަސްކަން އުޅޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ބްރެޒިލްގެ ކީޕަރު އެޑަސަން އަށް ހުސްވި ސީޒަން ނިމެން ދަނިކޮށް ލިބުނު އަނިޔާގެ ސަބަބުން ސީޒަނުގެ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ގޯލް ބެލެހެއްޓީ އޮރްޓޭގާ އެވެ. އަދި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ނަޒަރުގައި އޭނާއަކީ ސިޓީގެ އެއްވަނަ ކީޕަރުގެ މަގާމު، އެޑަސަން ހުއްޓަސް ހޯދަފާނެ ކީޕަރެއް ކަމަށް ވަނީ ބެލެވިފަ އެވެ.

މިއާއެކު މި ސީޒަން ފެށުމުގެ ކުރިން އިވެންފެށި އަޑަކީ އެޑަސަން ސިޓީ ދޫކޮށް ސައޫދީ އަރަބިއާގެ ކުލަބަކަށް ބަދަލުވާން އުޅޭ ވާހަކަ އެވެ. ސައޫދީގެ އަލް އަހްލީ އާއި އިއްތިހާދުން އޭނާ ގަތުމަށް ބިޑްކުރި ވާހަކަ އެވެ. ނަމަވެސް މި ހުށަހަޅުންތައް ނިމުމަކާ ހަމައަށް ނައީ ސިޓީން އެޑަސަން ވިއްކަން ކިޔާ އަގު އެކުލަބުތަކުން ނުދޭތީ އެވެ. އެއީ 50 މިލިއަން ޔޫރޯ އެވެ. ސައޫދީގެ ކުލަބުތަކުން އެންމެ މަތީ އަގަކަށް ހުށަހަޅާފައިވަނީ 25 މިލިއަން ޔޫރޯ އެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެޑަސަން އަކީ ސިޓީ ފާއިތުވެދިޔަ ހައެއްކަ އަހަރު ހޯދި ކާމިޔާބީތަކުގައި ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

އޭނާ ކުލަބުގައި ހުރުމަކުން އަހަރެންގެ މައްސަލައެއްނެތް. އޭނާ ފަދަ ކީޕަރަކު ހުރުމަކީ ލިބޭ ވަރަށް ބޮޑު އިތުބާރެއް. އަހަރެން އޭނާ ދޫކޮށްލާކަށް ނެތިން. އެކަމަކު ކުރިމަގު ނިންމާނީ ކުޅުންތެރިޔާ އާއި ކުލަބުން. އޭނާ ހުންނާނެކަން އެނގޭނީ އޭނާ އާއި ކުލަބަށް.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އާ ސީޒަން ފެށެން ދެ ހަފުތާއަށް ވެފައިވާއިރު އެޑަސަން ވަނީ އެންމެ ފަހުން އޭނާގެ ކުރިމަގު ސިޓީގައި ބާއްވަން އެދޭކަމަށް ބުނެފަ އެވެ. އޭނާ ބުނީ ހުސްވި ސީޒަނުގެ ފަހުކޮޅު ލިބުނު އަނިޔާ އަކީ ކެރިއަރުގައި މިހާތަނަށް އެންމެ ދަތި ވަގުތު ކަމަށާއި އަނިޔާގެ ސަބަބުން ކޮޕާ އެމެރިކާގައި ގައުމީ ޓީމަށް ކުޅެން ކުރި އުއްމީދުތަކަށް ވެސް ހުރަސް އެޅުނު ކަމަށެވެ. އަދި އޭނާ އަބަދުވެސް ތައްޔާރަށް ހުންނަނީ ސިޓީގެ ގޯލު ދިފާއުކުރުމުގައި ކަމަށެވެ.

އަހަރެންނާއެކު މަސައްކަތް ކުރާ މީހަކާ މައްސަލައޮތް ކަމަށް ނޫހުގައި އެ ލިޔާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. އަހަރެން އެފަދަ ކަމެއް ނުކުރަން. އަހަރެން އަބަދުވެސް ސިޓީގައި ދެމި ހުރުމަށް ލޯބިކުރަން.
ސިޓީގެ ކީޕަރު އެޑަސަން

ސިޓީގެ މިހާރުގެ ޕޮލިސީ އަކީ އުމުރުން 30 އަހަރުވާ ކުޅުންތެރިންނަށް އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ކޮންޓްރެކްޓެއް ނުދިނުމެވެ. މިހެންވެ އެޑަސަން ކުރިއަށް އޮތް ސީޒަނުގައި ޓީމުގައި މަޑުކުރަން ފުރުސަތު ދިނަސް އޭނާގެ ބަދަލުގައި ޖެހިގެން އަންނަ ސީޒަނަށް އާ ގޯލްކީޕަރަކު ހޯދުން ވަރަށް ގާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް