ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 19:18
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ފްލެޓާއި ގޯތި ލިބުނު މީހުންގެ މުޒާހަރާ
ފްލެޓާއި ގޯތި ލިބުނު މީހުން ބުނަނީ "މިނިވަންކަމުގެ އިހުސާސް ނުކުރެވޭކަމަށް"
ފްލެޓާއި ގޯތީގެ މައްސަލައިގައި އާއްމުން ދަނީ މުޒާހަރާކުރަމުންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދެއްކެވި އިރު ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވަންދެން ތަފާތު އެކި ދާއިރާތަކުން ވާހަކަދެއްކެވިއެވެ. ވާހަކަފުޅުގެ އެއް އުސްއަލީގެ ގޮތުގައި އަޅުގަނޑަށް ހަމަގައިމުވެސް ފާހަގަކުރެވުނު އެއްކަމަކީ ފަރުދުންނަށް މިނިވަންކަމުގެ އިހުސާސް ނުކުރެވޭނަމަ މިނިވަންކަން އިހުސާސް ނުކުރެވެނީ ކަމަށް ފާހަގަކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅެވެ. މިއީ އަޅުގަނޑު ނޫނީ އެހެން މީހަކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަފުޅެއް ތަކުރާރުކޮށް ކިޔާދިން ވާހަކަ އެއް ނޫނެވެ. މިއީ ޚުދު ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގެވެ.

ރައީސްގެ އެ ބަސްފުޅާއި އެއްގޮތަށް ބަލާ ނަމަ ފްލެޓާއި ގޯތި ލިބުނު މީހުންގެ މިނިވަންކަމެއް ނެތެއް ނޫންތޯއެވެ؟ ފްލެޓާއި ގޯތި ލިބުނު މީހުންގެ ޝުއޫރުވެސް ހުރީ މި ބީދައިންނެވެ. ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގެ ތެެރެއިން ހުކުރު ދުވަހުގެ ރޭ ވެސް އާއްމުން ވަނީ ރާޅުގަނޑު ސަރަހައްދަށް އެއްވެ މުޒާހަރާކޮށްފައެވެ. އެއްކޮޅުން މާލޭގެ ގްރީން ޒޯނުގައި ދިއްލާފައިވާ ބޮކިތަކުގެ އަލީގައި ސަރުކާރުގެ ބޭފުޅުން ތިއްބެވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އުފާ ހާސިލްކުރާށެވެ. އަނެއްކޮޅުން އާއްމުން ރާޅުގަނޑު ސަރަހައްދުގައި ސަފަކަށް އެތުރިގެން ތިބީ އެ ރައްޔިތުންނަށް ލިބުނު ފްލެޓާއި ގޯއްޗަށް ވީނުވީއެއް ނޭނގިގެން ސަލާންޖަހާށެވެ. ތަފާތު މެސެޖުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާކުރަން މަޖުބޫރުވީ ސަރުކާރުން ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓްތައް ދޭނެކަމަށް ބުނެ ވީ ވައުދު ނުފުދި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވާނުވާގައި ރައްޔިތުން ތިބެންޖެހުމުން އެހެން ގޮތެއް ނެތިގެންނެވެ.

މިނިވަންކަމުގެ އިހުސާސެއް ނުކުރެވޭ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އުފަން ބިމުގައި މި އުޅެން ޖެހެނީ ގޯއްޗެއް ނެތި. އެތައް ދުވަހަކަށް ފަހު ލިބުނު އުންމީދުވެސް ނަގާލީ. އެހެންވީމަ މިނިވަންކަމުގެ އިހުސާސް ކިހިނެތްތޯ ކުރެވެނީ؟
އާއްމު މީހެއް

މުޒާހަރާގެ ބައިވެރިން ތަކުރާރުކޮށް ބުނަމުން ދިޔަ ވާހަކައަކީ ހަގީގީ ބޯހިޔާވަހިކަމެއް ނެތި އުޅުމަކީ ހަގީގީ މިނިވަންކަން ގެއްލުންކަމަށެވެ. ދުނިއުމުރު ނިކަމެތި ރައްޔިތުން ކުލީގައި އުޅުން އެއީ ސަރުކާރުން ބޭނުންވާ ގޮތްތޯ އެ ރައްޔިތުން ސުވާލުކުރެއެވެ. އިގްތިސާދީ ގޮތުން ރާއްޖެ މިނިވަންކުރުމަށް މަސައްކަތްކުރާ ކަމަށް ބުނާ އިރު ރައްޔިތުން ކުލީގެ އަޅުންނަށް ވާންވީތޯ އެ ރައްޔިތު މީހާ އެބަ ސުވާލުކުރެއެވެ. އަދި ކޮންމެ ފަރުދަކީ މިނިވަނެއް ކަމަށް ބުނާ އިރު އަމިއްލަ މީހާ އަށް ލިބުނު ފްލެޓް ލިބޭނެތޯ ނޫންތޯ ނޭނގި ތިބުން އެއީ އާއްމު މީހާ އަށް ހައްގު މިންވަރުތޯ ވެސް އެ އާއްމުން ދަނީ ސުވާލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް