Advertisement
ކ. މާލެ
|
25 ޖުލައި 2024 | ބުރާސްފަތި 16:45
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު
ހުއްދަ ނުނަގާ އިމާރާތް ކުރުމުގެ މަސައްކަތް
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހުއްދަ ނުނަގާ އިމާރާތް ކުރުމުގެ މަސައްކަތްކުރާނަމަ ދޭންޖެހޭ އިތުރު ހުއްދަތައް ނުދީ ހިފަހައްޓާނަން: އެޗްޑީސީ
އާއްމުންނަށް ގިނަ ދަތިތައް ކުރިމަތިވާތީ އެކަމުގެ ޝަކުވާ ހުށަހަޅާފައިވޭ
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހުއްދަ ނުނަގާ އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ދުވާރުމަތީގައި އަދި ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ޚިދުމަތް ދިނުމަކީ މަނާކަމެއް

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހުއްދަ ނުނަގާ އިމާރާތް ކުރުމުގެ މަސައްކަތް ކުރާނަމަ ދޭންޖެހޭ އިތުރު ހުއްދަތައް ނުދީ ހިފަހައްޓާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެޗްޑީސީން ބުނީ ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހުއްދަ ނުނަގާ އިމާރާތްކޮށް ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަންގާފައިވާ ގޮތާ ހިލާފަށް ބައެއް ފަރާތްތަކުން އަދިވެސް މި ކޯޕްރޭޝަނުން ނަގަންޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެކަމަކީ ހުޅުމާލޭގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ނަގަންޖެހޭ ހުއްދަ ނުނަގާ އިމާރާތްކޮށް ގަވައިދާ ހިލާފަށް ބިންތައް ބޭނުންކުރަމުންދާ ގޯތިތަކުގައި އިމާރާތް ކުރާ ފަރާތްތަކާއި އެގޯތިތަކުގެ ވެރިފަރާތަށް މިކޯޕްރޭޝަނުން ދޭންޖެހޭ އިތުރު ހުއްދަތައް ހިފެހެއްޓުމާއެކު މިކޯޕްރޭޝަނުން ދެމުން އަންނަ ހުރިހާ ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ޕޮއެންޓްތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތް ދެމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

ދުވާރުމަތީގައި އަދި ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ޚިދުމަތް ދެމުން ގެންދާތީ އެކަމުގެ ސަބަބުން އާއްމުންނަށް ގިނަ ދަތިތައް ކުރިމަތިވާތީ އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ ތެރޭގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް ދުވާރު ބޭނުންކުރުމާއި، ސްކޫލު ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އާއްމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުމާއި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލުތަކުން ވެސް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިގޮތަށް ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމުން އާއްމުންނަށް ދަތިވާގޮތަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގައި، ވިޔަފާރި ކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ކަމާގުޅުން ހުރި ވުޒާރާތަކާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެޗްޑީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް