ކ. މާލެ
|
23 ޖުލައި 2024 | އަންގާރަ 21:09
އެފްއޭއެމްގެ ހައުސް
އެފްއޭއެމްގެ ހައުސް
ސަން އޮންލައިން
އެފްއޭއެމް ނޯމަލައިޒް ކުރުން
އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާއިން ނިންމައިފި، ސަބަބަކީ އިދާރީ އަދި ކޮރަޕްޝަންގެ މައްސަލަ
ފީފާއިން ބުނެފައިވަނީ އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ 2 ސަބަބަކާ ހެދި ކަމަށެވެ. އެއީ އިދާރީ ހިންގުން ދޯދިޔާވެ، ގަވަރނަންސް ނެތުމާއި މާލީ މައްސަލަގަނޑެއްގެ ތެރެ އަށް ގެނބިފައިވުމުން ކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ އެފްއޭއެމް ނޯމަލައިޒް ކުރަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އިން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ މި މަހުގެ 2 ވަނަ ދުވަހު އެފްއޭއެމުގެ އެކްސްކޯގެ ދައުރު ހަމަވުމާއެކު މިވަގުތު އެ އެސޯސިއޭޝަން ހިންގާނެ ބަޔަކު ނެތުމުންނެވެ. ފީފާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމުގެ ނޯމަލައިޒޭޝަންގެ މުއްދަތަކީ 1 ޖުލައި 2025 ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއްކޮށް، އައު އިންތިހާބެއް ބާއްވައި ހިންގާ ކޮމިޓީ އެކުލަވާލަންޖެހޭނެ އެވެ.

ފީފާއިން ބުނެފައިވަނީ އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ 2 ސަބަބަކާ ހެދި ކަމަށެވެ. އެއީ އިދާރީ ހިންގުން ދޯދިޔާވެ، ގަވަރނަންސް ނެތުމާއި މާލީ މައްސަލަގަނޑެއްގެ ތެރެ އަށް ގެނބިފައިވުމުން ކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީއަށް މެމްބަރުން އައްޔަންކުރާނީ ފީފާ އާއި އޭއެފްސީން ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެ އެވެ. މި ކޮމިޓީ އަށް ނަގާނެ މެމްބަރުންނާ ވަކިވަކިން ފީފާ އަދި އޭއެފްސީން މިވަގުތު ދަނީ އިންޓަވިއު ކުރަމުންނެވެ. މިއީ ރާއްޖެ ނޯމަލައިޒް ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ނޯމަލައިޒް ކުރީ 2015 ވަނަ އަހަރު، އިލްހާމް އަހުމަދުގެ ރައީސްކަމުގެ ދައުރު ނިމުމަކަށް އައުމުންނެވެ.

2 ޖުލައި 2020ގައި ބައްސާމްގެ ފެއްޓެވި އޭނާގެ ދެ ވަނަ ދައުރު ނިމުނީ އޭއެފްސީ އާއި ފީފާއިން ރާއްޖެ އަށް ދިން ފައިސާއަށް ހިޔާނާތްވި މައްސަލާގައި ފީފާއިން މިމަހުގެ ކުރީކޮޅު އޭނާ ނުވަ މަހަށް ސަސްޕެންޑް ކޮށްފައިވަނިކޮށެވެ. އަދި ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އެފްއޭއެމުގެ ފައިސާ އަށް ބައްސާމް ހިޔާނާތްވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ.

ބައްސާމާއެކު އޭނާގެ ދައުރުގައި ނާއިބް ރައީސްކަން ކޮށްފައިވަނީ ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރެވެ. ޖެނެރަލް ސެކްރެޓަރީ އަކަށް ހުންނެވުމަށްފަހު އެ މަގާމުން ހުސައިން ޖަވާޒް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެއަށްފަހު ވަގުތީ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މުހައްމަދު ޖައުޝަން ޝަރީފެވެ. ބައްސާމްގެ ދައުރު ހަމަވުމުން މިއިން އެއްވެސް ބޭފުޅަކަށް އެފް.އޭ.އެމް ހިންގުމުގައި މިހާރު އެއްވެސް ދައުރެއް ނުބޭއްވޭނެ އެވެ.

ބައްސާމްގެ ދައުރު ހަމަވިއިރު އެ އިދާރާގެ އިންތިހާބު ނުބޭއްވި ވަނީ އަށް މަސް ދުވަސް ފާއިތުވެފަ އެވެ. އެއީ އިޖުރާތްތަކާ ހިލާފަށް އިންތިހާބު ބާއްވަން އުޅޭ މައްސަލަ ބޮޑުވުމުން ފީފާއިން އެކަންކަން ބަލައި އިންތިހާބު ހުއްޓުވުމުންނެވެ. މިއާއެކު ރާއްޖޭގެ ފުޓްބޯޅަ ނުކުޅޭތާ ވެސް މިހާރު ނުވަ މަސް ދުވަސް ވަނީ ވެފަ އެވެ.

ރާއްޖޭގައި އުފައްދާފައިވާ ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތަކީ ކަމިޝަނަރ އޮފް ސްޕޯޓްސް އެވެ. ނަމަވެސް ސަރުކާރުން ބުރަވަނީ އަމިއްލަ އަށް އެއްވެސް ކަމަކަށް ގޮތެއް ނިންމުމުގެ ބަދަލުގައި ފީފާއިން އެފްއޭއެމާ މެދު ނިންމާ ގޮތަކަށް ކުރިއަށް ދިއުމަށެވެ. އެފްއޭއެމުގެ މައްސަލަ ބޮޑުވެ، ފީފާ އަދި އޭއެފްސީގެ ޓީމަކުން ވަނީ މީގެ ދެ މަސްކުރިން މާލެ އައިސް ކުލަބުތަކާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމާ ވެސް މަޝްވަރާކުރުމަށްފަހު އެފްއޭއެމްގެ ހާލަތާ ބެހޭ ރިޕޯޓެއް އެކުލަވާލައިފަ އެވެ. އަދި ފީފާގެ އޮޑިޓަރުން ވަނީ ރާއްޖެ އައިސް ފުލުހުންނާއެކު އެފްއޭއެމުގެ މާލީ ހިޔާނާތުގެ މައްސަލަ ވެސް ތަހުގީގުކުރަން ފަށައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް