އިންޑިއާގެ ކެރެލާގައި ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރުވުމާ ގުޅިގެން އެ ސްޓޭޓުން ސިއްހީ އެލާޓް ނެރެފިއެވެ.
ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ހާމަ ކޮށްފައިވާ ގޮތުގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭން ހައި ރިސްކް ކެޓަގަރީގައި ތިބި އިތުރު 60 މީހަކު މިހާރުވެސް ވަނީ ދެނެގަނެވިފައެވެ.
ކެރަލާގެ ސިއްހަތާ ބެހޭ ވަޒީރު ވީނާ ޖޯޖް ވިދާޅުވެފައިވަނީ މަރުވި ފިރިހެން ކުއްޖާ އާ ކޮންޓެކްޓް އެންމެ ދެނެގަނެވި، އެ އެންމެން އެކަހެރި ކުރެވިފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ މީހުންނަށްވެސް މާސްކް އަޅައިގެން ނޫނީ ބޭރަށް ނުކުމެ ނޫޅުމަށާއި ހޮސްޕިޓަލް ތަކަށް މި ދުވަސްކޮޅު ޒިޔާރަތް ނުކުރުމަށް ސިއްހީ އޮފިޝަލުން ވަނީ އިރުޝާދު ދީފައެވެ.
ސިއްހީ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ކެރެލާ އަކީ ނިޕާ ވައިރަސް ޖެހުމުގައި ދުނިޔޭގެ އެންމެ ރިސްކް ބޮޑު އެއް ސަރަހައްދެވެ.
ނިޕާ ވައިރަސް އަކީ އޫރު އަދި ވާ ފަދަ ޖަނަވާރުގެ ކިބައިން އިންސާނުންނަށް އަރާ ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވެއެވެ.
ޑަބްލިޔުއެޗްއޯ އިން ހާމަ ކޮށްފައިވާ މައުލޫމާތުގައި ވާ ގޮތުން ނިޕާ ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ހޮޑުލެވުމާއި، ކަރުގައި ރިއްސުން ހިމެނެއެވެ.
ސިއްހީ މާރިހިރުން ބުނާ ގޮތުގައި ނިޕާ ވައިރަސް ޖެހޭ ބައެއް މީހުންނަކީ ބަލީގެ އަލާމާތެއް ހުންނަ މީހުންނެއް ނޫނެވެ. ބައެއް ފަހަރު ނޭވާލާ ނިޒާމަށް އުނދަގޫވާ ގޮތް ދިމާވާ ކަމަށްވެއެވެ. ބަލީގެ ނުރައްކާ ހާލަތުގައި ސިކުނޑިއަށް ގެއްލުންވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ގައިންގަޔަށް ބަލި ފެތުރޭ އިރު، ވައިރަސް އަރާފައި ހުންނަ ކާނާގެ ޒަރީއާ އިން ވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ. ބަލިޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް މަތި ކަމަށް ފާހަގަ ކުރެވޭ މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.