އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުން މިއަދުގެ ސަރުކާރުންވެސް ކޯޓުގައި ދިފާއު ކޮށްފިއެވެ.
މިދިޔަ ސަރުކާރުގައި ހުށަހެޅުނު މި މައްސަލައިގައި އެދިފައިވަނީ މައިގަނޑު 3 މައުލޫމާތެއް ހޯދުމަށެވެ. އެއީ ދަތުރުފުޅުގައި ބައިވެރިވި ފަރާތްތަކުގެ ޖުުމުލަ އަދަދާއި، ޓިކެޓާއި ވަކި ވަކިން ޖުމުލަ ޚަރަދަށް ދިޔަ މައުލޫމާތުގެ އިތުރުން، ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީއެވެ.
އޭރު ރައީސް އޮފީހުން އެ މައުލޫމާތުތަކުގެ ތެރެއިން ރަސީދުތަކުގެ ކޮޕީ ފިޔަވައި ދެން ހުރި މައުލޫމާތުތައް ދީފައިވެއެވެ. ރަސީދުތައް ދޫކޮށްފައި ނުވަނީ އޭގައި ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭތީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
އެހެންކަމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން އައިކޮމްގައި މައްސަަލަ ހުށަހެޅި ފަރާތުން އިސްތިއުނާފު ކުރީއެވެ. އައިކޮމްއިން ނިންމީ ރަސީދުގައިވާ ޒާތީ މައުލޫމާތު އުނި ކުރުމަށްފަހު އެ ރަސީދުތައް ދޫކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން އޭރު ދައުލަތުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓުގެ މައްސަލަ ނިމުނީ އައިކޮމްގެ ނިންމުމާ އެއްގޮތަށެވެ. އެހެންވެ ދައުލަތުން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
މިހާރުގެ ބަންޑާރަނައިބުގެ އޮފީހުންވެސް ވަނީ ކުރިން އެ އޮފީހުން ވަކާލާތު ކުރި ސްޓޭންޑުގައި ސުޕްރީމް ކޯޓުގައިވެސް ވަކާލާތު ކުރައްވާފައެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ ދަތުރުފުޅާ ގުޅޭ ރަސީދުތައް ނެތް ނަމަވެސް، ހިނގި ޚަރަދުގެ ތަފްސީލުތައް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެކަމަށް އައިކޮމްއިން ރިއާޔަތް ކޮށްފައި ނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
ޚަރަދު ސީޓުގައި ހުރުމާއި، ކެއުމާއި، ޓްރާންސްޕޯޓާއި، ޕޮކެޓުމަނީ ފަދަ ހުރިހާ މައުލޫމާތެއް ފޯރުކޮށްދެވިފައިވާކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޚަރަދުތަކުގެ ތަފްސީލު ހިއްސާ ކުރެވިފައިވާ ކަމަށާއި، އޭގެ ރަސީދުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހިއްސާ ކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.