ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 06:20
ގާޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ނުސީރަތު ގެ އިމާރާތަކަށް އިޒްރޭލުން ބޮން އަޅަނީ
ގާޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ނުސީރަތު ގެ އިމާރާތަކަށް އިޒްރޭލުން ބޮން އަޅަނީ
ރޮއިޓާސް
ގާޒާ ހަނގުރާމަ
ގާޒާގެ އުތުރާއި މެދުތެރެއަށާއި ދެކުނަށް ޔަހޫދީ ސިފައިން ހިތުހުރި ގޮތަކަށް ބޮން އަޅައިފި
އުތުރު ގާޒާގެ ޖަބާލިއާ އަށް ހަމަލާދީ ފަލަސްތީނުގެ ނޫސްވެރިއަކާއި އޭނާގެ އަންހެނުންނާއި ދެ ކުދިން ވަނީ މަރާލާފައެވެ.
ޚަބަރުގެ އޯޑިއޯ

ހޮނިހިރު ދުވަހު ޔަހޫދީ ސިފައިން ގެންދިޔައީ ގޮތެއް ފޮތެއް ނެތި ގާޒާގެ އުތުރާއި މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ހިތުހުރި ގޮތަކަށް ބޮން އަޅަމުން ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ގާޒާ ސްޓްރިޕް އިން ފަލަސްތީނުގެ އެތައް ބަޔަކު މަރުވެފައެވެ.

ހޮނިހިރު ދުވަހު ނުސީރަތު ރެފިއުޖީ ކޭމްޕަށްވެސް އިޒްރޭލުން ވަނީ ބޮން އަޅާފައެވެ. ފަލަސްތީނުގެ ސިވިލް ޑިފެންސް ފޯސް އިން ބުނެފައި ވަނީ ރެފިއުޖީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން 12 މީހުންގެ ހަށިގަނޑު އޮފިޝަލުންނަށް ހޯދިފައިވާ ކަމަށެވެ. ޔަހޫދީ ސިފައިން ބޮން އެޅީ ނުސީރަތުގެ އާންމުން ދިރިއުޅޭ އުސް އިމާރާތަކަށް ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ސިވިލް ޑިފެންސް އިން ބުނެފައިވާ ގޮތުގައި ބުރެއިޖް ކޭމްޕަށް ޔަހޫދީ ސިފައިން ދިން ހަމަލާގައި ފަލަސްތީނުގެ ހަ މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން ގާޒާ ސިޓީ އަށް ދިން ހަމަލާގައި ފަލަސްތީނުގެ 10 މީހުން މަރުވި ކަމަށް ސިވިލް ޑިފެންސް އިން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ޚާން ޔޫނިސް އަށް ވެސް ޔަހޫދީ ސިފައިން ވަނީ ހަމަލާދީފައެވެ. ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުން ދިރިއުޅޭ އިމާރާތަކަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން ހަ މީހުން މަރުވެފައިވާ ކަމަށާއި އިތުރު މީހުންގެ ހަށިތައް ފުނޑުވެފައިވާ އިމާރާތުގެ ދަށުވެފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިވިލް ޑިފެންސް އިން ބުނެއެވެ.

ދެކުނު ގާޒާގެ ރަފަހް އަށް ދިން ހަމަލާގައި އެކަކު މަރުވި ކަމަށާއި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

އުތުރު ގާޒާގެ ޖަބާލިއާ އަށް ހަމަލާދީ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު އަބޫ ޖާސިރު އާއި އޭނާގެ އަންހެނުންނާއި ދެ ކުދިން ވަނީ މަރާލާފައެވެ.

ހަނގުރާމައިގައި 161 ނޫސްވެރިއަކު އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވާ ކަމަށް ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ގާޒާގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ އޭގެ ކުރީ 24 ގަޑީ އިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި 37 މީހުން މަރުވެފައިވާ ކަމަށެވެ.

އަނެއްކޮޅުން ޔަހޫދީ ސިފައިން ތިބީ ގާޒާ މުޅިން ބަންދުކޮށްގެން ކަމަށްވުމާއެކު ކާނާ އަށް ޖެހި އާންމު ސާފުތާހިރު ކަން ގެއްލި ސިއްހީ މައްސަލަތައް ނުރައްކައުތެރި މިންވަރަކަށް ބޮޑުވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި ފަލަސްތީން މީހުންގެ އަދަދު 38،919 ށް ވުރެ މައްޗަށް ގޮސްފައި ވާއިރު ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 89،622 ށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް