ކ. މާލެ
|
20 ޖުލައި 2024 | ހޮނިހިރު 19:06
ޗައިނާގެ ހުޅަނގު އުތުރުގެ ޝާންޒީ ޕްރޮވިންސްގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެއްޓިފައިވާ ހައިވޭ ބްރިޖު
ޗައިނާގެ ހުޅަނގު އުތުރުގެ ޝާންޒީ ޕްރޮވިންސްގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެއްޓިފައިވާ ހައިވޭ ބްރިޖު
ޒިންހުއާ
ޗައިނާގައި ބްރިޖެއް ވެއްޓުން
ޗައިނާގެ ބްރިޖެއް ވެއްޓި 11 މަރު
އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ބްރިޖްގެ ބައެއް ހަލާކުވެގެން ވެއްޓުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

ޗައިނާގައި ހައިވޭ ބްރިޖެއްގެ ބައެއް ވެއްޓި މަދުވެގެން 11 މީހުން މަރުވެ 30ށް ވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.

ހާދިސާ ހިނގީ ޗައިނާގެ ހުޅަނގު އުތުރުގެ ޝާންޒީ ޕްރޮވިންސްގެ ޝަންގްލުއޯ ސިޓީގައެވެ.

ހުކުރު ދުވަހު ހިނގި މި ހާދިސާއާ ބެހޭ ގޮތުން އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ބްރިޖްގެ ބައެއް ހަލާކުވެގެން ވެއްޓުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

ކޯރެއް ހުރަސްކޮށް އަޅާފައިވާ މި ބްރިޖް ހަލާކުވުމުގެ ސަބަބުން އެތައް އުޅަނދެއް ކޯރުގެ ތެރެއަށް ވެއްޓިފައި ވުމާއެކު ރެސްކިއު ޓީމު ތަކުން މީހުން ހޯދުމާއި ވެއްޓުނު އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރެސްކިއު ޓީމު ތަކުން މީހުން ހޯދުމާއި ވެއްޓުނު އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދަނީ - ޒިންހުއާ

ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ގޮވާލައްވާފައެވެ.

ހާދިސާގައި މަރުވި 11 މީހުންގެ ހަށިގަނޑު ފެނިފައިވަނީ ކޯރުގެ ތެރެއަށް ވެއްޓުނު ކާރުތަކުގެ ތެރެއިން ފަސް ކާރަކުން ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާ ނިއުސް އިން ބުނެފައިވެއެވެ.

މަދުވެގެން އިތުރު 20 ވެހިކަލެއް ކޯރުގެ ތެރޭގައި ވެއްޖެ ކަމަށް އޮފިޝަލުން ލަފާ ކުރެއެވެ.

ޒިންހުއާ އިން ބުނެފައިވާ ގޮތުގައި 736 ފަޔަރފައިޓަރުންނާއި، 18 ބޯޓާއި 32 ޑްރޯން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް