ޓުއަރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އިން ބައެއް ކައުންސިލްތަކަށް ދޭން ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ނެޝަނަލް ރަޖިސްޓްރޭޝަން ސިސްޓަމް "ނާރެސް ޕޯޓަލް" އިފްތިތާހްކުރުމަށާއި ކުރަނގި ޕޯޓަލް މުޅި ރާއްޖެ އަށް ފުޅާކުރުމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކައުންސިލްތައް ބާރުވެރިކުރުވުމަށް މާލެ ނައިސް ޚިދުމަތް ހޯދޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން ދިރިއުޅޭ ތަނަކުން ޚިދުމަތް ދިނުމަށް އިސްކަން ދެއްވާ ކަމަށާއި އެކަމާ ގުޅުން ހުރި ބަދަލުތައް މެނިފެސްޓޯގައި ވެސް ހިމަނުއްވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ނިންމާފައި ވަނީ ކަންކަމުގެ ބާރުވެރިކަން ކައުންސިލްތަކަށް ފުރިހަމައަށް ދިނުމަށްކަމަށާއި އެކަމަށްޓަކާ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރު އިޢުލާންކޮށް އަމަލުކުރާ ޤަވާއިދުގެ ތެރެއިން އެކި ފަޅުރަށްތައް ހޯދައިގެން މެދު ރާސްތާގެ ތެރެއިން އާމްދަނީ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ. ގާނޫނީ އިމުގެ ތެރެއިން ފަޅުރަށްތައް އިހުތިސާސްގެ ތެރޭގައި ހިމެނުމަށް މިދަނީ ފުރުސަތު ދެމުން. ބޭނުން ވަނީ އެންމެ ފުރިހަމައަށް ކައުންސިލްތަކަށް ފުރުސަތުދޭން. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގަ އެންމެ އެކަށީގެންވާ ގޮތަކަށް ބައްޓަން ކުރަން ޖެހޭ މި ނިޒާމް. ކައުންސިލްތައް އެކުލަވާލުމުގަ ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުވާނީ ދަންނަވާފަ.ރައީސް ޑރ.މުހައްމަދު މުއިއްޒު
ކައުންސިލްތަކުގެ އަދަދު ހުންނަންވާނީ އެންމެ ދެމެހެއްޓެނެވި ގޮތަކަށް ޚިދުމަތް ދެވޭނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އާބާދީ ކުޑަ ރަށްރަށުގައި ގިނަ އަދަދެއްގެ ކައުންސިލަރުން ތިބުމަކީ ޚަރަދު ބޮޑު ގޮތެއް ކަމަށާއި އެކަމުގެ ނަތީޖާ ނުނިކުންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކައުންސިލަރުންގެ އަދަދު މަދު ކުރުމާއި މެދު ދިރާސާކޮށް މަޝްވަރާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ 3000 މީހުން ހަމަނުވާ އާބާދީތަކުގައި 3 ކައުންސިލަރުން ތިބުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އޮޕަރޭޝަން ކުރަނގީގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސައްހަ މައުލޫމާތު އެއްކުރެވި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ. ނިޒާމްގެ ތެރެއިން މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށާއި އަނބުރާ ފޮނުވާލަން ޖެހޭ މީހުން ފޮނުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ކުރެވޭނީ ކައުންސިލްތަކާއި އިދާރާތަކާއި ގުޅިގެން ކަމަށާއި މިއީ ރާއްޖޭގައި ހައްލުކުރަން ޖެހޭ ބޮޑު މައްސަލަ އެއް ކަމަށް ރައީސް ވިދާޅުވިއެވެ.