ކޮރަޕްޝަނުގެ ތުހުމަތު ކުރެވި، މައްސަލަ ބޮޑުވެފައިވަނިކޮށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމުން މޫސާ ނާޝިދު އިސްތިއުފާދީފި އެވެ.
ކުރީގެ އެއްވަނަ ކުޅުންތެރިޔާ އިސްތިއުފާ ދިނީ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ނައިބް ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނިކޮށް ކަމިޝަނަރ އޮފް ސްޕޯޓްސްއިން އެ އިންތިހާބު ހުއްޓުވާފައި އޮއްވަ އެވެ. މި މައްސަލަ ވަނީ އިންޓަނޭޝަނަލް ބެޑްމިންޓަން ފެޑަރޭޝަނާ ވެސް ރާއްޖޭގެ ކަމިޝަނަރ އޮފް ސްޕޯޓްސްއިން ހިއްސާކޮށްފަ އެވެ. މޫސަ އިސްތިއުފާ ދިނީ އިންޓަނޭޝަނަލް ބެޑްމިންޓަން ފެޑަރޭޝަނުން އޭނާ އަށް އެކަން އެންގުމުންނެވެ.
މޫސަ ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މަގާމުގައި ތިން ދައުރު ފުރިހަމަކުރައްވައިފަ އެވެ. އެންމެ ފަހުން އޭނާ ފުރުއްވި ހަތަރު އަހަރުގެ ދައުރު ހަމަވީ މި އަހަރު އެވެ. އެއަށްފަހު އިންތިހާބެއް ނުބާއްވައި މޫސަ އިސްވެ ހުންނަވައިގެން ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
ބެޑްމިންޓަން އޭޝިއާ ޖެނެރަލް ސެކްރެޓަރީ ކަމާއި ސައުތު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަންގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމު ވެސް އަދާކުރެއްވި މޫސަގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތަކީ އޭނާގެ ހިއްސާ އޮންނަ ކުޅިވަރު ސާމާނު ވިއްކާ ފިހާރަަކައަކުން އެސޯސިއޭޝަނަށް ތަކެތި ގަންނަ މައްސަލަ އެވެ. ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ، ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވި މޫސަ މިކަމުގައި ކޮރަޕްޝަން ހިމެނޭ ވާހަކަ ދޮގުކުރައްވަ އެވެ. އެސޯސިއޭޝަނުން ކުރިން މި މައްސަލާގައި ބުނެފައިވަނީ ތަކެތި މޫސައާ ގުޅުން އޮންނަ ފިހާރައިން ގަންނަނީ އެތަކެތި ލިބޭ ހަމައެކަނި ތަނަކީ އެއީ ކަމަށްވެފައި ބެޑްމިންޓަން އެސޯސިއޭޝަނުގެ އެކްސްކޯއިން އެކަމަށް ހުއްދަދީފައިވާތީ ކަމަށެވެ.