ކ. މާލެ
|
14 ޖުލައި 2024 | އާދީއްތަ 16:31
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ބިދޭސީންގެ ވެލްފެއަރ
މެލޭޝިއާ ކުންފުންޏަކަށް ބިދޭސީ އެކޮމޮޑޭޝަންތަކުގެ މަސައްކަތް ދިންކަމަށް ބުނެ ހޫނުފެނަށް ވެއްޓިފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި
އެ މަސައްކަތް އޮތީ ނެގޯސިއޭޝަންގެ މަރުހަލާގައި ކަމަށް އިހުސާން ވަނީ ވިދާޅުވެފަ
1 މާރޗް 2024ގައި ހޯމް މިނިސްޓްރީ އަށް މެލޭޝިއާގެ އަލްޓައިޒް ކިޔާ ކުންފުންޏަކުން ރާއްޖޭގައި ޑޯމެޓަރީސް އެޅުމާއި ގުޅޭ ޕްރޮޕޯޒަލް އެއް އިސްވެ ހުށަހަޅާފައިވޭ
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި މެދު އަމަލުކުރަނީ ރަނގަޅަށް ނޫން ކަމަށް އިހުސާން ވިދާޅުވި

މެލޭޝިއާ ކުންފުންޏަކަށް ބިދޭސީ އެކޮމޮޑޭޝަންތަކުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ބުނެ ހޫނުފެނަށް ވެއްޓިފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެކްސްކްލޫސިވިޓީ ދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އަދި އެތަންތަނުގައި ހުރިހާ މަސައްކަތްތެރިންނަށް ބައިތިއްބަން މަޖުބޫރު ކުރަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އެކަން ދޮގުކުރައްވާފައެވެ.

ބޭރުމީހުންގެ ވެލްފެއަރއަށްޓަކާ އެ މީހުންނަށް ޚާއްސަ ޑޯމެޓަރީތަކެއް ޤާއިމްކުރާ ކަމަށާއި އެކަން ކުރަނީ ބިދޭސީންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާކުރުން ކަމަށަ އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ މެދު އަމަލުކުރާ ގޮތުން ރާއްޖެ އަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަަމަށެވެ. މިސާލަކަށް ހިއުމަން ޓްރެފިކް އިންޑެކްސް މޮނިޓަރކުރާ މީހުންނާއި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު މޮނިޓަރ ކުރާ މީހުންގެ ކަންބޮޑުވުންތަކެއް ހުރިކަން އޭނާ ވިދާޅުވިއެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޑޯމެޓަރީސްތައް ޤާއިމްކުރުމަސް ސަރުކާރުން ނިންމީ ކަމަށް އިހުސާން ވިދާޅުވިއެވެ.

1 މާރޗް 2024ގައި ހޯމް މިނިސްޓްރީ އަށް މެލޭޝިއާގެ އަލްޓައިޒް ކިޔާ ކުންފުންޏަކުން ރާއްޖޭގައި ޑޯމެޓަރީސް އެޅުމާއި ގުޅޭ ޕްރޮޕޯޒަލް އެއް އިސްވެ ހުށަހަޅާފައިވާ ކަަމަށެވެ. އެ ކުންފުނިން ހުށަހެޅީ ނޭޝަނަލް މައިގްރެންޓް ވޯކަރސް ޑޯމެޓަރީސް އެޅުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުށަހެޅުމުގައި އެ ޕްރޮޖެކްޓަށް އެއްކޮށް ފަންޑުކުރާނީ އެ ކުންފުނިން ކަމަށް ބުނެފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. ރާއްޖޭގައި މާލެ ސަރަހައްދުގައި ލައްކަ އެއްހާ ބިދޭސީން އުޅޭކަމަށް އެ ކުންފުނީގެ ދިރާސާއިން އެނގޭތީ އެ ކުންފުނިން ހުށަހަޅާފައިވަނީ ލައްކައެއްހާ މިހުންނަށް ތިބެވޭ އެކޮމޮޑޭޝަންތަކެއް ޤާއިމްކުރުމަށް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެއީ ހުޅުމާލެ، ހުޅުމާލެ ފޭސް 2، ތިލަފުށި އަދި މާލެ ސަރަހައްދުގައި އަޅާ އެކޮމޮޑޭޝަންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ތާގައި ވަކި ޚިދުމަތްތަކެއް ލިބޭނެ ކަމަށާއި، އޭގެ ތެރޭގައި އޭޓީއެމް އާއި ލޯންޑްރީ ސަރވިސް، ބަދިގެ، ނަމާދުކުރާ ތަންތަނާއި، ކާތަންތަން ފަދަ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން ކުރާނީ ސަރުކާރުން ނަގާ ބިމެއްގައި ކަމަށް ވެސް އެ ޕްރޮޕޯޒަލްގައިވެއެވެ. ފުރަތަމަ ޕްރޮޕޯޒްކުރީ 120 ޑޮލަރު މަހެއްގެ މައްޗަށް ބޮލަކަށް ނަގަން ކަމަށް އިހުސާން ވިދާޅުވިއެވެ. ފަހުން އެދަދަދު 100 ޑޮލަރަށް ތިރިކުރަން ވާހަކަ ދެކެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިހާރުވެސް އެކޮމޮޑޭޝަންގެ ގޮތުގައި އެވްރެޖްކޮށް 1500 ރުފިޔާ އާއި 2000 ރުފިޔާގެ އަަދަދެއް ދޭ ކަމަށާއި ޕްރޮޕޯޒަލްގެ ބޭސްލައިނަކީ ވެސް އެއީ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ޚިދުމަތް ދޭއިރުގަ އެތަނުގައި ތިބި މީހުންނާއި، އެ ތަނުގައި ތިބި މީހުން އުޅެނީ ޤަވާއިދާއި އެއްގޮތަށްކަން އެނގޭނެ ފަދަ ސިސްޓަމެއް ޤާއިމްކޮށްދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ނިޒާމްގެ ތެރެއިން މީހުން އަންނަ ގަޑި އާއި ދާ ގަޑިވެސް އެނގޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެެހެންކަމުން އެ މަސައްކަތް ނިމޭއިރު ހުޅުމާލެ ފޭސް 1ގައި 20،000 ބިދޭސީން، ފޭސް 2ގައި 20،000 ، މާލޭގައި 40،000 އަދި ތިލަފުށީގައި 20،000 މީހުން ތިބެނޭ ކަމަށް ބެލެވޭ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ޕްރޮޕޯޒަލް އިވަލުއޭޓްކުރުމަށް 13މޭ ގައި އިންވެސްޓް މޯލްޑިވްސް އަށް ފޮނުވުމުން ޖޫން 9ގައި ބިލް އިވަލުއޭޓްކުރުމަށް ފަހު އިންވެސްޓް މޯލްޑިވްސް އިން ފޮނުވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެއީ ކުރަން ރަނގަޅުކަމެއް ކަމަށް އިކޮނޮމިކް ކައުންސިލުން ނިންމި ނަމަވެސް އެއްވެސް ބަޔަކަށް ކޮމިޓްމެންޓެއް ދީފައި ނުވާ ކަމަށާއި ފައިނަލް އަދަދުތަކާއި ހިސާބަށް ވެސް ގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފައިނަލް އެގްރިމެންޓަކަށް ދާ ނަމަ ދާނީ އަދި ފަހުގެ މަރުހަލާއެއްގައި ކަމަށް އިހުސާން ވިދާޅުވިއެވެ. އެ މަސައްކަތް އޮތީ ނެގޯސިއޭޝަންގެ މަރުހަލާގައި ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ސޮފްޓްވެރއަރ އެއް ހަދަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ.

ނަމަވެސް ބިދޭސީންގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަމަށް އިހުސާން އަލިއަޅުވާލެއްވިއެވެ.

މީގެ ސަބަބަކީ މިދިޔަ އަހަރު މާލޭގައި އަލިފާނުގެ ހާދިސާއެއް މާލޭގައި ހިނގި. އަލިފާނުގެ ހާދިސާ ހިނގިތަކުގައި ތިބި މީހުންގެ އަދަދު އެނގުނީ އަލިފާން ނިވި އެތަނުގައި ތިބި މީހުންގެ ހަށިގަނޑު ގުނައިގެން. އަދިއަދަށް ދާން ދެން ބައެއް މީހުން އައިޑީ ނުކުރެވޭ. އަދި ހަމައެއާއި އެކު ބައްޔެއް ފެތުރިގެން ދާއިރު އެތަނުގައި ތިބީ ކިތައް މީހުންތޯ، އަޅާލާން ޖެހެނީ ކިތައް މީހުންނަށްތޯ، ސެކިއުރިޓީ ފޯރސަސް ފޮނުވަން ޖެހެނީ ކިހާވަރަކަށްތޯ އެނގެނީ އެތަނުގައި ތިިބި މީހުންގެ މައުލޫމާތު ލިބިގެން.
ހޯމް މިނިސްޓަރ އަލީ އިހުސާން

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އަށް މި ފަސް އަހަރުގެ ތެރޭގައި ޖުމުލަ ހައްލެއް ގެނައުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެެކެވެ. އަދި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާ އެކުލަވާލުމުގައި އެ ވައުދު ފުއްދޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް އިސްކަން ދެއްވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަން އާއި ފޮރިން ލޭބަރ ޑިޕާޓްމެންޓާއި އެއް ވުޒާރާއެއްގެ ދަށުން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތިން ގޮތަކަށް މަސައްކަތް ކުރާ ކަމަށެވެ.

އޭގެ ތެރެއިން އެއްކަމަކޯ ރެކްރޫޓްމެންޓާއި، ވިސާ ދިނުން އަދި ވޯރކް ޕަރމިޓް ނުވަތަ މަސައްކަތުގެ ހުއްދަ ދިނުމުގެ މަރުހަލާ ހަރުދަނާކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން ނިޒާމްގައި ހުރި މައްސަލަތަކާއި ލޫޕްހޯލް ނުވަތަ ދެކޮޅު ނުޖެހޭ ގޮތަށް ހުރި ކަންކަން ދެނެގަންނާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތާއި އެކު ބިދޭސީންގެ ކަންކަން ކޮންޓްރޯލެއް ނެތް ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށާއި އެއީ ފުރަތަމަ މަރުހަލާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. ދެވަނަ ކަމަކީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ވެލްފެއަރގެ ކަންކަން ބެލެހެއްޓުމާއި އެ މީހުން ދިރިއުޅޭ މާހައުލު މިހާރަށް ވުރެ ހަރުދަނާކުރުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި ތިން ވަނަ ކަަމަކީ ވިސާގެ އުސޫލުތަކާއި ޚިލާފުވާ މީހުންނާއި ޤާނޫނާއި ޚިލާފުވާ މީހުންނާއި މެދު އަވަސް ހަލުވި ފިޔަވަޅުތަކެއް އެޅުމަކީ ތިން ވަނަ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް