ކ. މާލެ
|
13 ޖުލައި 2024 | ހޮނިހިރު 08:21
އިނގިރޭސި ބޮޑު ވަޒީރު ކެއި ސްޓާމާ
އިނގިރޭސި ބޮޑު ވަޒީރު ކެއި ސްޓާމާ
ރޮއިޓާސް
ޔޫރޯ 2024
ޔޫރޯ ފައިނަލަށް އިނގިރޭސި ބޮޑު ވަޒީރު ވަޑައިގަންނަވަނީ
މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް އިނގިރޭސިވިލާތުން ވަނީ ކުޅެފަ އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާާރާތުގެ ފައިނަލްގައި އިނގިރޭސިވިލާތާއި، ސްޕެއިން ބައްދަލު ކުރާ މެޗަށް އިނގިރޭސި ބޮޑު ވަޒީރު ކެއި ސްޓާމާ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އާދިއްތަ ދުވަހުގެ ރޭ ދަންވަރު، އިނގިރޭސިވިލާތައި ސްޕެއިން ބައްދަލު ކުރާ މެޗު ބައްލަވާލެއްވުމަށް ބޮޑު ވަޒީރު ސްޓާމާ ޖަރުމަަނަށް ވަޑަައިގަންނަވާނެ އެވެ. މިއަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖަރުމަނުގެ ބާލިންގައި ހުންނަ އޮލިމްޕިއަސްޓޭޑަމްގަ އެވެ.

އިނގިރޭސިވިލާތުން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ނެދަލެންޑްސް އިން ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އިނގިރޭސިވިލާތުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުން އިނގިރޭސިވިލާތް މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތުގައި އޮލީ ވަޓްކިންސް ޖެހި ލަނޑުންނެވެ.

ޔޫރޯ މުބާރާތުގެ ފައިނަލަށް އިނގިރޭސިލާތް ދަތުރު ކޮށްފައި ވާއިރު، މިއީ މުބާާރާތުގެ ފައިނަލްގައި އިނގިރޭސިިވިލާތުން ޖެހި ޖެހިގެން ކުޅޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް އިނގިރޭސިވިލާތުން ވަނީ ކުޅެފަ އެވެ. އެ އަހަރުގެ ފައިނަލްގައި އިނގިރޭސިވިލާތް ވަނީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެފަ އެވެ.

ފުޓުބޯޅައިގައި ތައްޓެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިނގިރޭސިވިލާތަށް މިހާތަނަށް ކާމިޔާބު ކުރެވުނީ އެންމެ ތައްޓެކެވެ. އެއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެވެ. ވެސްޓް ޖާމަނީ އަތުން މޮޅުވެ، އެ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން މިހާތަނަށް އިންގްލެންޑަށް އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް