ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 21:48
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ނަވާޒް ޝަރީފްގެ ސަޕޯޓަރުން
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ނަވާޒް ޝަރީފްގެ ސަޕޯޓަރުން
ގޫގުލް
ނަވާޒު ޝަރީފް
ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ
ކުއްޖާ މަރުވެފައިވަނީ ލާލާ މުސާ ކިޔާ އަވަށެއްގައި

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ނަވާޒް ޝަރީފްގެ މޮޓޯކޭޑްގައި ހިމެނޭ ކާރެއްގެ ދަށުވެ، ޗިސްވެގެން ހުކުރު ދުވަހު ޕާކިސްތާނުގައި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

 

ބައެއް ނޫސްތަކުގައި މި ކުއްޖާގެ އުމުރަކީ 9 އަހަރު ކަމަށް ބުނެފައިވާއިރު ބައެއް ފަރާތްތަކުން ވަނީ އެ ކުއްޖާއަކީ 12 އަހަރުގެ ކުއްޖެއް ކަމަށްވެސް ބުނެފައެވެ.

 

ހާމިދް ނަމަކަށްކިޔާ މި ކުއްޖާ މަރުވެފައިވަނީ، ނަވާޒް ޝަރީފްގެ މޮޓޯކޭޑް، ޖެއްލުމް އިން ލާހޫރަށް ދަތުރުކުރަމުންދިޔައިރު، ލާލާ މުސާ ކިޔާ އަވަށަކުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ނަވާޒަށް ތާޢީދުކުރާ އާއިލާއަކަށް ނިސްބަތްވާ އެ ކުއްޖާ މަގުމަތީގައި ހުރީ ނަވާޒަށް މަރުހަބާ ކިއުމުގެ ގޮތުންނެވެ.

 

މި ހާދިސާ އާއި ގުޅިގެން ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ވަނީ ހާމިދުގެ އާއިލާއާއި ބައްދަލުކޮށް އެ އާއިލާއަށް އެހީވުމަށް ޕާޓީގެ އިސްވެރިންނަށް އަންގަވާފައެވެ.

 

މި ހާދިސާއާއި ގުޅިގެން، ޕާކިސްތާނުގެ ރެއިލްވޭޒް މިނިސްޓަރު އަދި ޕާކިސްތާން މުސްލިމް ލީގް ގެ ނަވާޒް ފެކްޝަންގެ އިސްވެރިޔާ ޚްވާޖާ ސާދް ރަފީޤް ވިދާޅުވީ، ކުއްޖަކު މަރުވީތީ ހިތާމަކުރާ ކަމަށާ، ނަމަވެސް އެ ކުއްޖާއަކީ ޕާކިސްތާން މުސްލިމް ލީގް ގެ ނަވާޒް ފެކްޝަނުން ފަށާފައިވާ ހަރަކާތުގައި ފުރަތަމަ ޝަހީދުވި ބަޠަލް ކަމަށެވެ.

 

ޕާކިސްތާން މުސްލިމް ލީގް ގެ ނަވާޒް ފެކްޝަނުން ދަނީ ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި ދެކޮޅަށް ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް