ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާާ އެމެރިކާ)ގެ ފައިނަލަށް ދިޔުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
މެސީ މިހެން ބުނީ އެމެރިކާގައި މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކެނެޑާގެ މައްޗަށް ކުރި ހޯދައި، އާޖެންޓީނާ އިން ފައިނަލަށް ދިޔަ މެޗަށްފަހު ވާހަކަ ދައްކަމުންނެވެ.
އާޖެންޓީނާ އިން ވަނީ 2021 ވަނަ އަހަރު އޮތް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ ވެސް އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއަށްފަހު ވަރުގަދަ ރޫޙެއްގައި އެ ޓީމު އޮތްއިރު، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ވެސް އާޖެންޓީނާ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ މުބާރާތާ ކުރިމަތިލީއިރު، އާޖެންޓީނާ އަކީ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންނެވެ.
ކެނެޑާ މެޗަށްފަހު ވާހަކަ ދައްކަމުން އުމުރުން 37 އަހަރުވެފައިވާ މެސީ ބުނީ، މިހާރު އޭނާ ގުނަމުން ދަނީ ފުޓުބޯޅަ ކެރިއަރުގެ އެންމެ ފަހު ދުވަސްތައްކަން އެނގޭ ކަމަށެވެ. އެހެންވެ، އެ ދުވަސްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ބޭނުންވާ ކަމަށާއި، އޭނާ އަށް ލިބޭ ކޮންމެ ވަގުތެއްގެ އުފާ އެންމެ ބޮޑަށް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަނެއްކާ ވެސް އާޖެންޓީނާ އިން މުބާރާތެއްގެ ފައިނަލަށް ގޮސްފައިވާއިރު، މެސީ ފާހަގަ ކުރި ގޮތުގައި ފައިނަލަށް ދިޔުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ފައިނަލަށް އާޖެންޓީނާ ގޮސްފައިވާއިރު، މިހާރު ޓީމު އޮތް ރޫޙުގައި އޮންނަން ޖެހޭނެ ކަމަށާއި، އާޖެންޓީނާގެ ކުޅުންތެރިން ދައްކަމުން އަންނަނީ އެ ޓީމުގެ ފެންވަރު ކަމަށް މެސީ ބުންޏެވެ. އޭނާ ބުނީ އާޖެންޓީނާ އިން ކޮންމެ ވަގުތެއްގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އަށް ފަހަރު ކާމިޔާބު ކޮށްފައިވާ މެސީ ދާދި ފަހުން ބުނެފައިވާ ގޮތުގައި، މިއާމީ އަކީ އޭނާގެ ކެރިއަރުގައި ކުޅޭނެ އެންމެ ފަހު ކުލަބެވެ. އެހެން ނަމަވެސް ޤައުމީ ޓީމުން ކުޅުން ހުއްޓާލާނެ ވަކި މުއްދަތެއް މެސީ ނުބުނެ އެވެ. މެސީ ބުނެފައި ވަނީ ކުޅުން ހުއްޓާލުމާ އުމުރަކާ ގުޅުމެއް ނޯންނާނެ ކަމަށެވެ. މީގެ ދެ އަހަރު ފަހުން، 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕުން ވެސް ފެނިދާނެ ކަމުގެ އިޝާރާތެއް މެސީ ވަނީ ދީފަ އެވެ.