ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 11:51
ލިވަޕޫލަށް ކުޅުނު ސްޕެއިންގެ ތިއާގޯ އަލްކަންޓާރާ
ލިވަޕޫލަށް ކުޅުނު ސްޕެއިންގެ ތިއާގޯ އަލްކަންޓާރާ
ރޮއިޓާސް
ތިއާގޯ އަލްކަންޓާރާ
ފުޓުބޯޅަ ކުޅުން ހުއްޓާލަން، ތިއާގޯ އަލްކަންޓާރާ ނިންމައިފި
ޕްރޮފެޝަނަލް ފުޓުބޯޅަ އިން ރިޓަޔާން ނިންމިއިރު، ތިއާގޯގެ އުމުރުން 33 އަހަރެވެ.

ބާސެލޯނާ، ބަޔާން މިއުނިކް އަދި ލިވަޕޫލަށް ކުޅެފައިވާ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައި، އެކަން އިއުލާން ކޮށްފި އެވެ.

ޕްރޮފެޝަނަލް ފުޓުބޯޅަ އިން ރިޓަޔާން ނިންމިއިރު، ތިއާގޯގެ އުމުރުން 33 އަހަރެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާއިރު، އޭނާ އަށް ކޯޗިން އޮފިޝަލުންގެ ޓީމުގައި މަސައްކަތް ކުރުމަށް ބާސެލޯނާ އިން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބާސެލޯނާގެ ސީނިއާ ކެރިއަރުން ތިއާގޯ އަށް ފުރުސަތު ލިބުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 101 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. ތިއާގޯ ވަނީ ބާސެލޯނާ އާއެކު 10 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އޭނާ ދެން ބަދަލުވީ ޖަރުމަނުގެ ބަޔާން މިއުނިކަށެވެ.

ތިއާގޯ ވަނީ ބަޔާނަށް ހަތް ސީޒަންގައި ކުޅެދީފަ އެވެ. ބަޔާންގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 235 މެޗު ކުޅެދީ 31 ލަނޑު ޖަހައިފަ އެވެ. ބަޔާނާ އެކު ތިއާގޯ ވަނީ 15 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ބަޔާންގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު، 2020 ވަނަ އަހަރު ތިއާގޯ ބަދަލުވީ ލިވަޕޫލަށެވެ.

ލިވަޕޫލްގައި އޭނާ ހަތަރު ސީޒަން ހޭދަކުރިއިރު، އެ ކުލަބަށް ވަނީ 98 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. ލިވަޕޫލާ އެކު ތިއާގޯ ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލްގައި ކުޅެމުން އައިސް، ތިއާގޯ އަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެކަމުގެ ސަބަބުން އޭނާ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނުއިރު، ނިމުނު ސީޒަނަށް ފަހު އޭނާ ދޫކޮށްލަން ލިވަޕޫލުން ނިންމި އެވެ.

ތިއާގޯ ވަނީ ސްޕެއިންގެ ޒުވާން އުމުރުފުރާގެ ޤައުމީ ޓީމު އަދި ސީނިއާ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ސީނިއާ ޤައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން 2021 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ޤައުމީ ޓީމަށް 46 މެޗު ކުޅެދީ ދެ ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް