ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 20:07
ސްޓޫޑެންޓް ލޯނު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ސްޓޫޑެންޓް ލޯނު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ދަރިވަރުން ހާލުގައި ޖެހުން
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!
ފައިސާ ނުލިބުމުގެ ސަބަބުން ދަރިވަރުން ވަނީ ހާލުގައި ޖެހިފައެވެ.

ސަރުކާރުގެ ޚަރަދުގައި ދީފައިވާ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓު ލޯނުގެ އެހީގައި ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ ފައިސާ ނުދެވި ބައެއް ދަރިވަރުން ވަރަށް ބޮޑަށް ވަނީ ހާލުގައި ޖެހިފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ފޯރުކޮށްދެމުން ނުދާތީ ދަރިވަރުންގެ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ރާއްޖެއެމްވީ އާއި ވާހަކަދެއްކި ބައެއް ކުދިން ބުނެފައި ވަނީ އެ ކުދިން އުޅެމުން އައީ މަހުން މަހަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާ މެނޭޖްކޮށްގެން ކަަމަށެވެ. އަދި ބައެއް ކުދިންނަކީ ވަރަށް ނިކަމެތި ފަގީރު އާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށް ވުމާއި އެކު އެ ކުދިންގެ އަތުގައި ކާނެ ލާރިވެސް ނުހުންނަކަމަށް އެ ދަރިވަރުން ވަނީ ބުނެފައެވެ. އަދި ބައެއް ކުދިންގެ އާއިލާތަކަކީ ފައިސާ ފޮނުވޭހާ މާލީ ތަނަވަސްކަން ހުރި އާއިލާތައް ނޫން ކަމަށް ވެސް އެ ދަރިވަރުން ވަނީ ބުނެފައެވެ. ނަމަވެސް ފުދުންތެރިކަން ހުރި އާއިލާތަކުގެ ކުދިން މިވަގުތު ކަމުން ދަނީ ވެސް އާއިލާގެ އެހީތެރިކަމާއި އެކުގައި ކަމަށް އެ ދަރިވަރުން ވަނީ ބުނެފައެވެ. އެ ކުދިން އެ ހާލަތުގައި ތިބި އިރު ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކަށީގެންވާ އިޖާބައެއް ނުދިނުމެވެ.

ޖޫން މަހުން ފެށިގެން ނުލިބޭ ދޭން ޖެހޭ ފައިސާ. ދޭނެ ކަމަށް ބުނަނީ. ދެމުން ނުދޭ ފައިސާ އެއް. ވަރަށް ނިކަމެތި ހާލުގައި އުޅޭ ކުދިން ވެސް އެބަ ތިބި. ވަރަށް ފަގީރު. ކާން ވެސް މިޖެހެނީ އާއިލާ އިން ފައިސާ ފޮނުވީމަ. ހާހުން ދެހާހުން އެހެން ދޭތެރެއަކުން ފޮނުވާ ފައިސާކޮޅަކުން މިއުޅެވެނީ. އެކަމަކު ކޮލެޖް ފީ އަށް ވާ ފައިސާ އެއް ވެސް ނުލިބޭ.
ރާއްޖެއިން ބޭރުގައި ހުރި ދަރިވަރެއް

ފައިސާ ނުލިބޭ ދަރިވަރުންގެ ތެރޭގައި ޔޫކޭ އާއި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގައި ތިބި ދަރިވަރުންވެސް ހިމެނެއެވެ. ބައެއް ދަރިވަރުންނަށް ފައިސާ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފަައި އޮންނަނީ ކޮންމެ ހަމަހަމަކުން ހަމަކުން ފައިސާ ދޭ ގޮތަށެވެ. އެހެންކަމަށް ވާއިރު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭ 6 ކުދިން ތިބި ކަމަށް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ބައެއް ދަރިވަރުން ވަނީ ބުނެފައެވެ. އެ ފައިސާ ޖަމާ ނުވާތީ ދަރިވަރުންނާއި އާއިލާތަކުން އެކަމުގެ ޝަކުވާ ކުރަން ފެށުމުން ޝަކުވާ ކުރާ ދަރިވަރުން ބްލެކްލިސްޓްކޮށް ސްކޯލަރޝިޕްގެ ފައިސާ ކަނޑާލަފާނެ ކަމަށް ދޭހަވާ މޭރުމަކުން އެ ދަރިވަރުންނާއި ވަނީ މުއާމަލާތުކޮށްފައެވެ. އަދި ފައިސާ ނުދެއްކުމުގެ ސަބަބުން ބައެއް ދަރިވަރުންގެ އިމްތިހާނުގެ ނަތީޖާ ވެސް ނުބެލޭނެ ކަމަށް ދަރިވަރުން ވަނީ ބުނެފައެވެ.

ފައިސާ ނުލިބުނީމަ ކޮލެޖަށް ނުވައްދަނީކީ ނޫން. އެގްޒާމްގެ ރިޒަލްޓްސް ނުދައްކަނީ ބައެއް ތަންތަނުގަ. އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގަ ތިބި ބައެއް ދަރިވަރުންނަށް އެބަ ދިމާވޭ އެފަދަ ކަންކަން. އެކަމަކު ޖަވާބެއް ނުލިބޭ ސަރުކާރުގެ.
ސްކޯލަރޝިޕްގައި ކިޔަވަމުންދާ ދަރިވަރެއް

ބައެއް މީޑިއާތަކަށް މި މައްސަލައިގައި މައުލޫމާތުދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ މަރިޔަމް މާރިޔާ ވިދާޅުވީ، ދަރިވަރުންނަށް ފައިސާ ޖަމާ ކުރުމުގައި ލަސްތަކެއް އެބަހުރިކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިން މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ފައިސާ ބަރާބަރަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ. ސްޓައިޕެންޑް ނުލިބޭކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އެހެންނަމަވެސް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ ހަޔަރ އެޑިއުކޭޝަނުން ފިނޭންސަށް ފައިސާ ހޯދަން އެދި ފޮނުވި ސިޓީގެ ޖަވާބުގައި ފައިސާ ނެތް ކަމަށް ފިނޭންސުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެކަން ސިއްރުކުރަމުންދާ ކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން މީހާ ވަނީ ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައެވެ. ދަރިވަރުންނަށް މިނިސްޓްރީން މިހާތަނަށް ވެސް ޖަވާބެއް ނުދޭތީ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފައިސާ ނުދެއްކުމުން އަލުން އެއް ސެމް ކިޔަވަން ޖެހިދާނެ ކަމުގެ ބިރު ބައެއް ދަރިވަރުންނަށް އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް