Advertisement
ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 14:36
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީސް
ދަރިވަރުން ހާލުގައި ޖެހުން
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
ރާއްޖެއިން ބޭރުގައި ސްކޮލަރޝިޕްގައި ގޮސް ތިބި ކުދިން އަތުގައި ލާރިއެެއް ނެތް
އެ ކަންބޮޑުވުން ސޯޝަލް މީޑިއާގައިވެސް އެތައް ބަޔަކު ދަނީ ފާޅު ކުރަމުން
ހީނާ ވަނީ އެފަދަ އެއްވެސް މައްސަލައެއް ނޫޅޭކަމަށް ވިދާޅުވެފައި

ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ޑޮލަރު ލިބުން ދަތިވެ ގިނަ ބަޔަކު ތަކްލީފުތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެކަމުގައި ސަރުކާރުގެ ތަރުޖަމާނާއި ހަޔަރ އެޑިއުކޭޝަން މިިނިސްޓަރ ދެގޮތަކަށް ވާހަކަ ދައްކަވައިފިއެވެ.

ރާއްޖެއިން ބޭރުގައި ސްކޮލަރޝިޕްގައި ގޮސް ތިބި ކުދިން އަތުގައި ލާރިއެެއް ނެތްކަމަށާއި، ލިބެންޖެހޭ ސްޓައިޕެންޑް (އެލަވަންސް) އަދިވެސް ސަރުކާރުން ނުފޮނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އޭގެ ސަބަބުން ދަރިވަރުން ހާލުގައި ޖެހިފައިވާ ކަމަށްވެސް ގިނަ ބަޔަކު ބުނަމުންދެއެވެ. އެ ކަންބޮޑުވުން ސޯޝަލް މީޑިއާގައިވެސް އެތައް ބަޔަކު ދަނީ ފާޅު ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދާ ސުވާލު ކޮށްލުމުން ހީނާ ވަނީ އެފަދަ އެއްވެސް މައްސަލައެއް ނޫޅޭކަމަށް ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ސްކޮލަރޝިޕްގައި ގޮސް ތިބި ކުދިންނަށް ލިބެންޖެހޭ ސްޓައިޕެންޑް ނުލިބޭކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، ކުރިއެކޭވެސް އެއްގޮތަށް ބަރާބަރަށް ފައިސާ ލިބެމުންދާނެ ކަމަށެވެ.

Advertisement

އެހެންނަމަވެސް މި މައްސަލައިގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ މަރިޔަމް މާރިޔާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދަރިވަރުންނަށް ފައިސާ ޖަމާ ކުރުމުގައި ލަސްތަކެއް އެބަހުރި ކަމަށެވެ.

މިނިސްޓަރ ވިދާޅުވާ ގޮތުގައި އެ މަސައްކަތް ލަސްވެގެން ދަނީ ޑޮލަރުގެ ތާށިކަން ހުރުމުންނެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް މީގެ ކުރިން 1،000 ޑޮލަރާ ހަމައަށް ޑޮލަރު ގަނެވޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސާފައިވާ އުސޫލަށް ބަދަލު ގެނެސް އެ ދަރިވަރަކު ހުންނަ ގައުމަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދޭން ކަނޑައަޅާފައިވާ ސްޓައިޕެންޑަށް ވާ މިންވަރަށް ޑޮލަރު ދޫކުރާ ގޮތައް ހަމަޖައްސާ ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް އެކަން ބީއެމްއެލް އިން ވަނީ އަންގާފައެވެ.

ދަރިވަރުންނަށް ލިބޭ ޑޮލަރުގެ މިންވަރު ބޮޑުތަނުން ބީއެމްއެލް އިން ދައްކުރި އިރު، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން މަހަކު 1،200 ޑޮލަރު މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނެގޭ ގޮތަށް ހަމަޖައްސާނެ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑރ. މުއިއްޒުގެ ސަރުކާރުން ބުނި ނަމަވެސް އެކަންވެސް ތަންފީޒު ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ރިޔާސީ ވައުދެއްގެ ގޮތުގައި، ބޭންކް ތަކުން ވިއްކާ ޑޮލާރުގެ ލިމިޓް އުވާލާނެ ކަމަށްވެސް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައެވެ. އެ ވައުދާ ބެހޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް މިހާތާކަށް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް