ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 10:23
މެޗުން މޮޅުވުމުން އުރުގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުން މޮޅުވުމުން އުރުގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ޕެނަލްޓީގައި އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ކަޓައިފި
މުބާރާތުގެ ސެމީ ފައިނަލްގައި އުރުގުއޭ ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ކުއާޓާ ފައިނަލްގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބްރެޒިލްގެ މުބާރާތުން ކަޓައިފި އެވެ.

އާދިއްތަ ދުވަހުގެ ފަތިހު ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗު އުރުގުއޭ އިން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނެތުމުންނެވެ.

މެޗުގެ ކުރީ ކޮޅު އުރުގުއޭގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އަނެއްކޮޅުން، މެޗުގައި އުރުގުއޭ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ނަހިތަން ނާންޑޭޒް އަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލުމުންނެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުރުގުއޭ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ ފެޑެރިކޯ ވަލްވާޑޭ، ރޮޑްރީގޯ ބެންޓަންކޫރު، ޖޯޖިއަން ޑީ އަރަސްކައޭޓާ އަދި މެނުއަލް އުގާޓޭގެ ޕެނަލްޓީ އެވެ. އެ ޓީމުގެ ހޯސޭ ހިމެނޭޒް ފޮނުވާލި ޕެނަލްޓީ ބްރެޒިލްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ބްރެޒިލް އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ. އެއީ އަންޑްރެއަސް ޕެރެއިރާ އަދި ގަބްރިއަލް މާޓީނެލީގެ ޕެނަލްޓީ އެވެ. އެ ޓީމުގެ އެޑާ މިލިޓާއޯ އަދި ލުއިސް ޑިއާޒްގެ ޕެނަލްޓީ އުރުގުއޭގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އުރުގުއޭ ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ކޮލަމްބިއާ އިން ވަނީ ކުއާޓާ ފައިނަލްގައި ޕަނަމާގެ މައްޗަށް 5-0 އިން ކުރި ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް