ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 19:22
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ
ރާއްޖޭގެ އިގްތިޞާދު
ގައުމު ހިންގަން ނޭނގުމުގައި ރައީސް ޑރ.މުއިއްޒަށް ދެއްކޭނެ ބަހަނާ އެއް ނެތް، އެދުނު ހުރިހާ ކަމެއް ރައްޔިތުން އޮތީ ކޮށްދީފަ - ޔައުގޫބް
ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގްތިޞާދީ ހާލަތާއި މެދު ކަންބޮޑު ނުވާކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށް ޔައުގޫބް ވިދާޅުވި
މި ސަރުކާރުން މަސްވެރިންނަށް ވެސް އެތައް އަނިޔާ އެއް ދެމުންދާ ކަމަށް ޔައުގޫބް ވިދާޅުވި

ގައުމު ހިންގަން ނޭނގުމުގައި ރައީސް ޑރ.މުއިއްޒަށް ދެއްކޭނެ ބަހަނާ އެއް ނެތްކަމަށާއި ސަރުކާރުން އެދުނު ހުރިހާ ކަމެއް ރައްޔިތުން އޮތީ ކޮށްދީފައި ކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގްތިޞާދީ ހާލަތާއި މެދު ކަންބޮޑު ނުވާކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ލޯނާއި ފައިނޭންސިން ހަމަޖެހޭނެ ގޮތްތަކުގެ ފެހި ސިގްނަލް ލިބިފަިއވާ ކަމަށް އަމިއްލަފުލަށް ޑރ.މުއިއްޒު ވިދާޅުވެފައިވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އަދި ކުރީ ސަރުކާރުގެ ވާހަކަ ވެރިކަމަށް އައިސް ނުދައްކާނެ ކަމަށް އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފަިއވާ ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ. އެހެންވީމަ މިއަދު ކިރިޔާ ކަމެއް ވާ އިރަށް މި ސަރުކާރުން ކުރީ ސަރުކާރޭ ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ކިބައިން ރައީސް މުއިއްޒު އެދިވަޑައިގަތް ކަމަކީ މަޖިލީހުގެ އަޣުލަބިއްޔަތު ދިނުން ކަމަށާއި އެކަން ވެސް ރައްޔިތުން ވަނީ ކޮށްދީފައި ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ކުރިން ވެސް ގައުމުގައި ހުންނަނީ 3 މަސް ދުވަހުގެ ރިޒާވްކަމަށާއި ގައުމު ހިންގަމުން އައި ވެރިންގެ ހިންގުންތެރި އުސޫލުތަކާއި އެކުގައި ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރަށް ދިމާވެގެން އުޅޭ ގޮތަކީ ހިންގަން ނޭނގުމުގެ މައްސަލަ ދިމާވުން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ހިންގަން ނޭނގެނީ. އެހެން އެއްވެސް ކަމެއް ނޫން. ރިސޯސަސް ވެސް އެބަ ހުރި. ގައުމު އިގްތިސާދު އަޑި އަޅާލި ކޮވިޑްގަ. ރިކަވަރ ވި. މި ވެރިކަމާއި ހަވާލުވެ ވެގެން އުޅޭ ގޮތަކީ ވެރިކަން ކުރަން ނޭނގެނީ. މާލީކަންކަން ނޭނގޭ ބަޔަކާއި ހަވާލުވީމަ ވާނެ ގޮތް މި ފެންނަނީ.
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ

މީގެއިތުރުން ރައްޔިތުން މިސަރުކާރަށް ވޯޓު ދިނީ ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ހުއްޓާލަން ނޫންކަމަށާއި ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރަށްރަށުގައި ހިންގަމުން އައި މަޝްރޫޢުތައް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން މަސްވެރިންނަށް ވެސް އެތައް އަނިޔާ އެއް ދެމުންދާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. މަސްވެރިންގެ ފައިސާ ހިފަހައްޓައިގެން މަސްވެރިންނަށް އަގު ނުދެވޭ ކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށް އެނާ ވިދާޅުވިއެވެ. މަހުގެ އަގު ދަށްކުރުމަށް ސަރުކާރުން ބޭނުންކުރާ އުކުޅަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އިގްތިޞާދީ ހާލަތު ގޯސްކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހީލަތްތެރި ވާހަކަތައް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް