ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 13:30
ކެނެޑާ އާއި ވެނެޒުއެލާ ކުޅުނު މެޗުގެ ތެރެއިން
ކެނެޑާ އާއި ވެނެޒުއެލާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ވެނެޒުއެލާ ބަލިކޮށް، ކެނެޑާ ސެމީ ފައިނަލަށް
މުބާރާތުގެ ސެމީ ފައިނަލްގައި ކެނެޑާ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.

މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ކުއާޓާ ފައިނަލްގައި ވެނެޒުއެލާ ބަލިކޮށް، ކެނެޑާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު މި ދެ ޓީމު ބައްދަލު ކުރި މެޗު ކެނެޑާ އިން ކާމިޔާބު ކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކެނެޑާ އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ކެނެޑާ އަށް ލީޑު ނަގައިދިނީ ޖަކޫބްް ޝެފެލްބާގް އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވެނެޒުއެލާ އިން ކުރި މަސައްކަތް ކާމިޔާބުވީ ފަހު ހާފުގަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސޮލޮމޮން ރޮންޑޮން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޮން އަރަމްބުރޫ އެވެ.

ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކެނެޑާ އިން ކާމިޔާބު ކުރީ 4-3 އިންނެވެ. ހަ ޕެނަލްޓީ ޖެހިއިރު ކެނެޑާ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ ޖޮނަތަން ޑޭވިޑް، މޮއިސޭ ބޮމްްބިޓޯ، އަލްފަންސޯ ޑޭވިސް އަދި އިސްމާއީލް ކޯނޭގެ ޕެނަލްޓީ އެވެ. ކެނެޑާގެ ލިއަމް މިލާ އަދި ސްޓެފަން އިއުސްޓަކިއޯގެ ޕެނަލްޓީ އެވެ.

ވެނެޒުއެލާގެ ހަ ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ ރޮންޑޮން، ތޯމަސް ރިންކޮން އަދި ހޮންޑާ ކާޑިޒްގެ ޕެނަލްޓީ އެވެ. އެ ޓީމުގެ އެންހެލް ހެރޭރާ، ޖެފާސަން ސަވާރިނޯ އަދި ވިކާ އެންހެލްގެ ޕެނަލްޓީ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ކެނެޑާ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފަ އެވެ. އެ މެޗު ކާމިޔާބު ކުރީ އާޖެންޓީނާ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް