ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 10:08
މެޗަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަސް
ޔޫރޯ 2024
ޕެނަލްޓީގައި ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައި، ފްރާންސް ސެމީ ފައިނަލަށް
ފްރާންސް އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓިއިރު، ސެމީ ފައިނަލްގައި ފްރާންސް ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައި، ފްރާންސް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުރޯގައި ފްރާންސް އާއި ޕޯޗުގަލް ހުކުރު ދުވަހުގެ ރޭ ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެހެންވެ އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް، އެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ފްރާންސް އިން ވަނީ ކުރި ހޯދައިފަ އެވެ.

މެޗުގައި ފްރާންސް އާއި ޕޯޗުގަލް އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ އިތުރުން، ރަންޑަލް ކޯލޯ މުއާނީ އަދި އެޑުއާޑް ކަމަވިންގާ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް، ވިޓީނިއާ އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ފަސް ޕެނަލްޓީ ވެސް ފްރާންސް އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއީ އޮސްމާން ޑެމްބެލޭ، ޔޫސުފް ފޮފާނާ، ޖޫލްސް ކޫންޑޭ، ބާޑްލޭ ބާކޮލާ އަދި ތިއޯ ހެނާންޑޭޒްގެ ޕެނަލްޓީ އެވެ. ޕޯޗުގަލް އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެވެ. އެއީ ކެޕްޓަން ރޮނާލްޑޯ، ބެނާޑޯ ސިލްވާ އަދި ނޫނޯ މެންޑޭސްގެ ޕެނަލްޓީ އެވެ. ޕޯޗުގަލްގެ ޔާއޯ ފެލިކްސްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ފްރާންސް އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓިއިރު، ސެމީ ފައިނަލްގައި ފްރާންސް ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް