ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 19:20
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވަނީ މަޖިލިސް މެންބަރުންނަށް ލިބޭ 82،500 ރުފިޔާ ކުޑަކަމަށް
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވަނީ މަޖިލިސް މެންބަރުންނަށް ލިބޭ 82،500 ރުފިޔާ ކުޑަކަމަށް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބާރަށު ދާއިރާގެ މައިކުން ކިޔަނީ 82،500 ރުފިޔާ އަދިވެސް ކުޑައޭ
މެންބަރުންގެ އަސާސީ މުސާރައަކީ 42500، ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސާއެކު 82500 ރުފިޔާ ލިބޭ. ކެމްޕޭންގައި ޝުޖާ ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ޖެހޭ ކަމަށް.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓޫވެދާނެކަމަށް ސަރުކާރުން އަންނަނީ ވަކާލާތުކުރަމުންނެވެ. ހުރިހާކަމެއްވެސް އަޅުވަނީ ކުރީ ސަރުކާރުގެ ބޮލުގައެވެ. ނަމަވެސް ކަން އޮތީ އެހެންނެއްވެސް ނޫނެވެ. ގައުމު ބަނގުރޫޓުވާ ކަމެއް ސަރުކާރުގެ އިސްވެރިންގެ ބަހާއި އަމަލުން ނޭނގެއެވެ. އަދިވެސް ދައްކަނީ ލިބޭ އެތިކޮޅު މަދު ވާހަކައެވެ. އުސޫލެއްނެތ،ި ތަރުތީބެއްނެތި މި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތުގެ ސަބަބުން ދައުލަތް މެނޭޖުނުކުރެވި ބޮޑު ތަނުން ސަރުކާރު ދަރައިގެން، ރައްޔިތުން ދަރައިގެން ގޮސްފިއެވެ. ނަމަވެސް އަދިވެސް ހަރުދަނާ ފިޔަވަޅެއް ނޭޅެއެވެ.

މި ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ދަތިކަމަށްވީ ކޮވިޑް-19 އާއި ގުޅިގެން ދިމާވި ކަންތަކެވެ. އެއިރު ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކާއެކު މިއަދު ރާއްޖޭގެ އިގްތިސާދު ދަނީ ބާރަށް ކުރިއަށެވެ. މާލީ އިދާރާތަކުން އައީ އެކަމަށް ތައުރީފް ކުރަމުންނެވެ. ސަރުކާރުން ފުރަތަމަވެސް ނިންމީ ނިކަމެތި ރައްޔިތު މީހާއަށް ތަކުލީފެއް އުފުލަން ނުޖެހޭނެހެން މުސާރަތައް ކުޑަކުރުމަށެވެ. އާންމު ރައްޔިތުންގެ މުސާރައާއި ނުކުޅެ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސިޔާސީ އެކިއެކި މަގާމުތަކާއި މަޖިލިސް މެންބަރުންގެ މުސާރަވެސް ކުޑަކުރިއެވެ. އެއީ އެ ސަރުކާރުގެ ރޭވުންތެރިކަމާއި ގައުމު ހިންގަން އެނގޭކަމުގެ ހެއްކެކެވެ.

ނަމަވެސް މި ސަރުކާރު އަދި މާތަފާތެވެ. މާލީ ހާލަތު ދަށްކަމަށް ބުނެ އެންމެ އާދާއިގެ މީހާއަށް އޭގެ އަސަރުކުރަމުން އަންނަ އިރު ސަރުކާރުގެ ބޮޑުން އަދިވެސް އުޅެނީ މުސާރަ ކުޑަވެގެންނެވެ. ސަރުކާރުގެ ސިޔާސީ މަގާމުތައް ހާހުން މައްޗެވެ. މުސާރައަށް އެތައްސަތޭކަ މިލިއަން ރުފިޔާ ކޮންމެ މަހަކު އެބަ ހަރަދުކުރެއެވެ. ދެން ސިޔާސީ މީހެއް ނުނަގާނެކަމަށް ބުނެ އަރިސް ކޮންމެވެސް ބޭފުޅެއްގެ ބަފައިބެ، މައިދައިތަ ނޫނީ ކޮންމެވެސް އާއިލީ މީހަކަށް މިދެނީ 25، 30 ހާހުން މުސާރަ ލިބޭ މަގާމުތަކެވެ.

މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބާރަށް އަޑު އުފުލީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއެވެ. މަޖިލީހަށް ވަޑައިގަންނަވަން އަދި އެއަށްވުރެ ބާރަށް ވާހަކަ ދެއްކެވިއެވެ. އެއިރު ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކަމަށެވެ. ކުޑަކުރަން ޖެހޭ ކަމަށެވެ. މި ވާހަކައަށް ހެއްލި ބާރަށު ދާއިރާގެ ރައްޔިތުން އޭނާ ބާރަށު ދާއިރާގެ ގޮނޑީގައި ބައިންދާ މައިކް ދިނެވެ. އެއިރު ދެއްކި ވާހަކައަށް ވަކާލާތު ކުރުމަށެވެ.

ކެމްޕޭންގައި ބޭއްވި ބަހުސެއްގައި ސުޖާއު ވިދާޅުވީ ބާރަށު ދާއިރާގެ މައިކަކީ މަޖިލީހުގެ މެންބަރުން އެއްދައުރު ކުރީމަ މާލީ އިނާޔާތްތައް ކެނޑެންޖެހޭނެކަމަށް ވަކާލާތުކުރާނެ މައިކެއް ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. ދެން ވިދާޅުވީ މަޖިލިސް މެންބަރުކަން ދޫކޮށްލުމުން ލިބޭ އިންޝިއުރެންސަކީ އެއީ އޮވެގެންވާނެ އިންޝިއުރެންސެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބާރަށު ދާއިރާގެ މައިކުން އެވާހަކަވެސް ދައްކައިފިއެވެ.

ނަމަވެސް ދެން ވިދާޅުވީ ބޭނުންފުޅުވެގެން ދެއްކި ވާހަކައެއްނޫނެވެ. ބަހުސްގައި ވިދާޅުވީ ބާރަށު ދާއިރާގެ މައިކުން ވިދާޅުވާނީ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރާނެކަމުގެ ވާހަކައެވެ. ނަމަވެސް އެހެނެއް ނުވިއެވެ. އެ ދެއްކި ވާހަކަ އެ މިސްރާބުން ނުގޮސް 82،500 ރުފިޔާގެ މުސާރަ ކުޑަކަމަށް ސުޖާއު ވަކާލާތު ކުރައްވަން ފަށައިފިއެވެ. ބާރަށު ދާއިރާގެ މައިކުން މިހާރު ކިޔަނީ މުސާރަ ކުޑައެވެ. ބޮޑުކުރަންޖެހެއެވެ.

މަޖިލީހުގެ މެންބަރުން އެއް ދައުރުކުރީމަ އެބޭފުޅުންނަށް ލިބޭ މާލީ އިނާޔަތްތަކަކީ ކެނޑެން ޖެހޭނެކަމަށް ވަކާލާތުކުރާނީ އަޅުގަނޑު. އަދި ދާއިރާގެ މަޖިލިސް މެންބަރުކަން ދޫކޮށްލާފައި ދެން އެމީހަކަށް ލިބޭ އިންޝިއުރެންސަކީ އޮވެގެންވާނެ އިންޝިއުރަންސެއް ކަމަށް ގަބޫލުނުކުރާ ކެންޑިޑޭޓަކީ އަޅުގަނޑު. އާންމުންނާ އެއްވަރަށް އިންޝިއުރަންސް ނުވަތަ އާސަންދަ ލިބޭނެކަމަށް ވަކާލާތުކުރާނެ މެންބަރަކީ އަޅުގަނޑު. މަޖީލިހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ވަކަލާތުކުރާނީވެސް ބާރަށުދާއިރާގެ މައިކުން.
ކެމްޕޭންގައި ޝުޖާއު ދެއްކެވި ވާހަކަ

ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އައުމަށްޓަކައި މަސައްކަތްކުރާ ގިނަ މީހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާ ގުޅޭގޮތުން ޝަކުވާ ކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަމަށް ވިދާޅުވެ މެންބަރު ސުޖާއު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ލިބެނީ 42500 ރުފިޔާ ކަމަށާއި، ސިޓީ ކައުންސިލަރަކަށް ލިބޭ 30000 ރުފިޔާ ކަމަށެވެ. މީގެ އިތުރުން މުސާރައިގެ އިތުރުން އެލަވަންސެއްގެ ގޮތުގައި ލިބެނީ 20000 ރުފިޔާ ކަމަށާއި، އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ވެސް ސެކަންޑް ހޯމް އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ އެލަވަންސް ކަމަށް ސުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މެންބަރުންނަށް ލިބިވަޑައިގަންނަވާ 42،500 ރުފިޔާއާއި 20،000 ރުފިޔާގެ ލިވިންގ އެލަވަންސް އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު މެންބަރަކަށް ލިބިވަޑައިގަންނަވާ 82،500 ރުފިޔާ ކުޑަ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ އިއްޒަތްތެރި ރައީސް. މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ. އެހެން މި ދަންނަވަންޖެހޭ ސިޓީ ކައުންސިލުގެ މެންބަރުކަން ކޮށްފައި އަޅުގަނޑު މި އައީ. 30000 ރުފިޔާ މުސާރައަކީ އިއްޒަތްތެރި ރައީސް. ވަކި ކޮން ކަމެއްތޯ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އައީމަ އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާތަކަކީ ކޮބައިކަން. ރައްޔިތުންނާ ގާތުން ޚިދުމަތްކުރާ މެންބަރުންގެ އަތަކު ނޯންނާނެ ލޯލާރި ވެސް އިއްޒަތްތެރި ރައީސް. އެހެންވީމާ. މި ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސިޔާސީ ވާހަކަ އެއްގެ ގޮތުގައި ދެއްކިދާނެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާއާއި 20،000 ރުފިޔާގެ ލިވިންގ އެލަވަންސް އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު މެންބަރަކަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކަމަށާއި، ކުޑަކުރަންޖެހޭ ކަމަށް ކެމްޕޭނުގައި އަޑަށް ބާރުލާ އެންމެ ގިނައިން އެ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު މިވަނީ މުސާރައިގެ ޝަކުވާ ކޮށްފައެވެ. 82،500 ރުފިޔާ މަދުކަމަށެވެ. ބާރަށު ދާއިރާގެ މައިކުން އެ އަޑު ނުކެނޑެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް