ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 15:44
ހުކުރު ނަމާދުގެ ތެރެއިން
ހުކުރު ނަމާދުގެ ތެރެއިން
ހުކުރު ހުތުބާ
ރަސޫލާގެ ހިޖުރައިން ލިބޭ ފިލާވަޅަކީ ދީނަށްޓަކާ ގުރުބާންވުމުގެ މުހިއްމުކަން - ޚުތުބާ
އަންނަ އާދިއްތަ ދުވަހަކީ ހިޖުރީ އާ އަހަރު ފެށޭ ދުވަސް
ހިޖުރައިގެ މާނައަކި ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ ފުޅާ މާނައެއް އޮތް ކަމެއް
ﷲއަށް ވަކީލުކުރުމަކީ އެއްވެއް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫންކަމަށް ވެސް ހުތުބާގައިވޭ

ކީރިތި ރަސޫލާ މަދީނާ އަށް ކުރެއްވި ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކާ ގުރުބާން ވުމުގެ މަތިވެރި ފިލާވަޅު ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ހިޖުރައިގެ ދަރުސްތަކުގެ މައްޗަށެވެ.

އަންނަ އާދިއްތަ ދުވަހަކީ ހިޖުރީ އާ އަހަރު ފެށޭ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ވަނީ ހިޖުރައިގެ ހާދިސާ އަށް އަލިއަޅުވާލާފައެވެ.

ޚުތުބާގައި ބުނެފައި ވަނީ ހިޖުރައިގެ މާނައަކި ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ ފުޅާ މާނައެއް އޮތް ކަމެއް ކަމަށެވެ. އެގޮތުން ހިޖުރައިގެ މަތިވެރި މާނައަކީ ނުބައި ކަންތައްތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ރަސޫލާ މައްކާއިން މަދީނާ އަށް ކުރެއްވި ހިޖުރައިގެ ތަފާތު އެތައް އިބުރަތްތަކެއް ވާކަމަށާއި ރަސޫލާ ބޮޑުފުޅުވި ރަށާއި ގާތް ތިމާގެ މީހުން ދޫކުރައްވާ މައްކާއިން މަދީނާ އަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމް ދީނުގެ ދިފާއުގައި ކަމަށާއި އެއީ އެކަލޭގެފާނު ވެވަޑައިގެންނެވި ޤުރުބާނީ އެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއި އެކު ތިބޭނެ ކަމީ ހިޖުރައިން ލިބޭ ފިލާވަޅެއް ކަަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ހިޖުރައިގެ ހާދިސާ އަކީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާ ކަމަށް ވެސް ހުތުބާގައިވެއެވެ. ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިއްމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅާ ފުރިހަމައަށް ހަމަޖެއްސުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން ހިޖުރައިގެ ހަތަރު މަސްކުރިން އަބޫބަކުރުގެފާނު ދަތުރުގެ ސަވާރީ ތައްޔާރުކުރެއްވިކަން ފާހަގަކޮށްފައިވެއެވެ. ﷲ އަށް ވަކީލުކުރުމަކީ އެއްވެއް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫންކަމަށް ވެސް ޚުތުބާގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް