ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 11:30
މެޗުގައި ޕެނަލްޓި މަތަ ކުރުމަށްފަހު މާޓިނޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ޕެނަލްޓި މަތަ ކުރުމަށްފަހު މާޓިނޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
މެސީގެ ޕެނަލްޓީ ނާކާމިޔާބު ވީއިރު، އާޖެންޓީނާ ސެމީ އަށް ގެން ގޮސްދިނީ މާޓިނޭޒް
އެކުއެޑޯގެ އެންހެލް މެނާ އާއި އަލަން މިންޑާގެ ޕެނަލްޓީ އާޖެންޓީނާގެ ގޯލު ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ކުއާޓާ ފައިނަލްގައި އެކުއެޑޯގެ މައްޗަށް ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ފަތިހު އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ ޕެނަލްޓީ ގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ ދެ ޓީމު 1-1ން އެއްވަރުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ ސީދާ ޕެނަލްޓީ ޖަހައިފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އާޖެންޓީނާ އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ލިސާންދްރޯ މާޓިނޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ އެލެކްސިސް މެކް އަލިސްޓާ ތަނަަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ނަތީޖާ އެކުއެޑޯ އިން ހަމަހަމަ ކުރީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ޖޯން ޔެބޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެވިން ރޮޑްރިގޭޒް އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި އާޖެންޓީނާ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ ހޫލިއަން އަލްވަރޭޒް، މެކް އަލިސްޓާ، ގޮންޒާލޯ މޮންޓިއޭލް އަދި ނިކޮލަސް އޮޓަމެންޓީ އެވެ. ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ހުރަސް ދަނޑިއާ އެވެ.

އެކުއެޑޯ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އެއީ ޔެބޯ އަދި ޖޯޑީ ކައިސެޑޯގެ ޕެނަލްޓީ އެވެ. އެކުއެޑޯގެ އެންހެލް މެނާ އާއި އަލަން މިންޑާގެ ޕެނަލްޓީ އާޖެންޓީނާގެ ގޯލު ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް