ކ. މާލެ
|
3 ޖުލައި 2024 | ބުދަ 16:51
ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށްފަހު ބިމާ ހަމަކޮށްލާފައިވާ އިމާރާތަކާ ޖެހިގެން ހުރި ގެއްގެ ކުޑަދޮރުން ފަލަސްތީންގެ ދެ އަންހެނަކު ބޭރު ބަލަހައްޓައިގެން
ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށްފަހު ބިމާ ހަމަކޮށްލާފައިވާ އިމާރާތަކާ ޖެހިގެން ހުރި ގެއްގެ ކުޑަދޮރުން ފަލަސްތީންގެ ދެ އަންހެނަކު ބޭރު ބަލަހައްޓައިގެން
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"މި އަނިޔާގެ ހިތި ރަހަ ދައްކާލާނަން" – ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިޒްރޭލަށް!
އަންގާރަ ދުވަހު ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 4 މީހުން ވަނީ މަރުވެފައެވެ.

އިޒްރޭލުން ގަދަކަމުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕަކަށް ޔަހޫދީ ސިފައިން އަންގާރަ ދުވަހު ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރާ ޖަމާއަތްތަކުން ބުނެ އިންޒާރު ދީފިއެވެ.

ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް އަންގާރަ ދުވަހު ޔަހޫދީ ސިފައިން ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 4 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ އޮފީހުން ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާގައި މަރުވެފައިވަނީ ފަލަސްތީނުގެ ހައްގުގައި ހަނގުރާމަ ކުރަމުންދާ ހަތަރު ހަނގުރާމަވެރިންނެވެ.

"ޝަހީދުވި މީހުންގެ ލޭ ގަންދީ ބުނަން، އަހަރެމެން ބަދަލު ހިފާނަން،" އަލް އަގްސާ މާޓިއާރސް ބްރިގޭޑްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފި ކަމުގައިވާ ސުރާޔާ އަލް ގުދުސް ބްރިގޭޑްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަނގުރާމަވެރިންގެ ލޭ އަގެއް ނެތް ގޮތުގައި އޮހޮރިގެން ދިޔަ އެއްޗަކަށް ނުހަދާނެ ކަމަށެވެ.

"ﷲ ގަންދީ ބުނަން، މިއީ އަހަރެމެންގެ ވައުދު، ބަދަލު ހިފާނަން، ލޭގެ އިންސާފު ހޯދާނަން، އެކަމުގެ ހިތި ރަހަ ދައްކާނަން." އެ ޖަމާއަތުގެ ބަޔާނުގައި ވެއެވެ.

އިސްލާމިކް ޖިހާދުންވެސް ވަނީ ހަނގުރާމަ ވެރިނަށް ދިން ހަމަލާއާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ޖަމާއަތުން ބުނެފައިވަނީ ހަނގުރާމަވެރިންގެ ލޭ އޮހޮރިގެން ދިއުމަކީ ފަލަސްތީން މިނިވަން ކުރުމަށް ކުރާ ޖިހާދަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ޔަހޫދީ ސިފައިން ވައިގެ މަގުން މި ހަމަލާ ދިން އިރު އެ ސަރަހައްދަށް އިޒްރޭލް ސިފައިން އަރާ އާންމުންނަށް ވެސް އެތައް ހަމަލާއެއް ވަނީ ދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް