އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރައްވަން ބޭނުންފުޅުވާކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އިފްތިތާހް ކުރި އާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި ރައީސް މަޑޫރޯ ވިދާޅުވީ މިއަންނަ މަހު ނިއު ޔޯކްގައި އޮންނަ އދ ގެ ޖެނެރަލް އެސަމްބްލީ ގައި ދެބޭފުޅުން ބައްދަލުވެވަޑައިގެން ވާހަކަފުޅު ދައްކަވަން ބޭނުފުޅުން ކަމަށާއި، ވެނެޒުއޭލާ އާ މެދު ރައީސް ޓްރަމްޕް ޝައުގު ހުރި ނަމަ އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ތިން ގަނޑިއިރަށް ދެމިގެން ދިޔަ ތަގުރީރުގައި ރައީސް މަޑޫރޯ ވަނީ ކޮންމެވެސް ވަަރަކަށް އެމެރިކާއަށް ފާޑުވިދާޅުވާ ފަދަ މޭރުމަކުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެ ގޮތުން ރައީސް މަޑޫރޯ ވިދާޅުވީ ބޭރުގެ ބާރުގަދަ ނުފޫޒުތަކަށް ބޯނުލަނބާނެ ކަމަށާއި ދާދިފަހުން ވެނެޒުއޭލާ އާއި ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ކޯޓެއްގައި ޗެލެންޖް ކުރައްވާނެ ކަމަށެވެ.
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ރައީސް މަޑޫރޯ ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން އެގައުމު ވަނީ ވަރަށް ހަލަބޮލިވެފައެވެ. ހުއްޓުމެއްނެތި މުޒާހަރާތަައް ދަނީ ކުރިއަށެވެ. އެގޮތުން ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން އެގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2000 އާ ގާތް ކުރާ އަދަދަކަަށް މީހުން ޒަޚަމްވެފައިވެއެވެ.
ބައިނަލްއަގްވާމީ މުޖުތަމައު އާއި އަދި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަނީ ބާރުަތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ. އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އިންތިޚާބުގެ ކުރިންނާއި އަދި އިންތިޚާބަށް ފަހުންވެސް ވެނެޒުއޭލާގައި ބޭއްވުނު އިންތިޚާބަށް ދަނީ އިންތިހާ އަށް ފާޑުކިޔުން އަމާޒުވަމުންނެވެ. ގާނޫނު އަސާސީ އެކުލަވާލާ މަޖިލީހުގެ އިންތިޚާބާ ބޭހޭ ގޮތުން އާރޖެންޓީނާ، ކެނެޑާ، ކޮލަމްބިއާ، މެކްސިކޯ އަދި އެމެރިކާ އިން ބުނެފައި ވަނީ އެ އިންތިޚާބު ބަލައިނުގަންނަ ކަމަށެވެ.