ގައުމަށް ލިބޭ ލާރިން ގައުމު ހިންގާނެކަމަށް ވިދާޅުވެ ވަޑައިގެންނެވި ބޭފުޅުން ގައުމުގެ ދުވަސް ދުއްވާލައިފި ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުރީގެ މެންބަރު ފަލާހު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބޯމަތިވެގެން އައި އިރުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމް/ޕީއެންސީ އިން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވި، މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކިއެކި ފޯރަމްތަކުގައި އެކިއެކި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ ކަންކުރައްވަންވީ ގޮތް ތިމަން މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އަދި ރާއްޖެއިން ނަގާފައިވާ ލޯންތައް ދައްކަވާނެކަމަށް ބައެއް ރަހުމަތްތެރިން ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނު އެތައް ފަހަރެއްގެ މަތިން ވިދާޅުވަމުން ގެންދެވި ކަމަށާއި، އެމަނިކުފާނަކީ ކަންކަން ރާވައިގެން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.
ފަލާހު ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ޑރ. މުއިއްޒު ކުރެއްވި ކަންކަމަށް ބައްލަވައިގެން، އޭގެ ނަތީޖާއަށް ބައްލަވާ އޭގެ އަލީގައި އެމްޑީޕީން އެއިރު ވާހަކަތައް ދައްކަމުން ގެންދެވިކަމަށެވެ.
ރިޔާސީ އިންތިހާބު ނިމި މަޖިލިސް އިންތިހާބު ނިމުނީ ހުރިހާއެއްޗެއް ބަދަލުވާނެ ވާހަކަ އަޅުގަނޑުމެން ދެއްކިން. މަޖިލީހުގެ އިންތިހާބުގައި ދެއްކެވީ މަޖިލީހުގެ އަގުލަބިއްޔަތު ދެއްވާށޭ، މާ ހަލުވިކަމާއެކު މާ ފަސޭހަކަމާއެކު ކުރިއަށްދާނެ. މިއަދުގެ ހާލަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަކިކުރަން އެދަނީ. އަޅުގަނޑުމެންގެ ސަރުކާރުގައި ކަންކަން އޮންނަގޮތް ސީދާ ސީދަލަށް ވިދާޅުވަމުން ގެންދެވި ބޭފުޅެއް. މިއަދުވެސް ކަން އޮތްގޮތަށް ވިދާޅުވަމުން ގެންދަވަނީ. މިއަދު އޮތް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންކޮށްގެން ގަވަރުނަރު ބޭރުކުރީމާ ފައިސާ އިތުރަށް ލިބޭތޯ. އަލުން އެހެން ގަވަރުނަރެއް ލެއްވިޔަސް ދޮގު ހަދައިގެން ވާހަކަ ދައްކާނީ. ރައްޔިތުންނަށް ދޮގު ހަދައިގެން ވާހަކަ ދައްކާނީ.މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހް
ފަލާހު ވިދާޅުވީ އެއިރު އެމްޑީޕީން ދައްކަމުން ގެންދިޔަ ވާހަކައަކީ މިއަދު މި އޮތް ސަރުކާރަކީ، ސަރުކާރާއި ހަވާލުވީއްސުރެ ނާގާބިލު ސަރުކާރެއް ކަމަށާއި، މިއަދާ ހަމައަށް އައި އިރުވެސް އެއްވެސްކަމެއް ކުރަން ނޭނގޭ ކަމަށެވެ.
ފަލާހު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވަންޖެހޭ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު އިހައްދުވަހަކު އެ މައުލޫމާތު ހިއްސާކުރެއްވި އިރު، އަދިވެސް މި ސަރުކަރުގެ ފިނޭންސް މިނިސްޓަރަކަށް މާލީ ހާލަތާއި ގުޅިގެން އެއްޗެއް ދަންނަވަން އެނގިވަޑައިނުގެން އެވާހަކަ ނުދައްކަވާ ހުންނެވި ކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ހާމަކޮށް މައުލޫމާތު ދިނުމަށް އެންމެ ކުޑަމިނުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާގައި ރައީސުލްޖުމްހޫރިއްޔާވެސް އެކަމާއި އެއްޗެއް ވިދާޅުނުވާ ކަމަށެވެ.
އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރު އެދުވަހު އަސްލު ހަގީގީ ވާހަކަ ދެއްކެވީ. އެކަމާއި ބެހޭ ގޮތުން އެވަހަކަ ދައްކާ އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަންވީ ކޮންކަމެއްކަމާއި، އެވާހަކަ ދައްކަން މި ސަރުކާރުގެ ފިނޭންސް މިނިސްޓަރުވެސް އަދި އެހެން ބޭފުޅަކުވެސް އެ ވާހަކަ ކިޔައިދޭތަން ނުފެނޭ. 8 މަސްވެގެން ދިޔަ އިރު ނޫސްކޮންފަރެންސަކަށް އަރައިވަޑައިނުގެން ރައީސް އުޅުއްވަނީ ފިއްލަވައިގެން. ރައީސް އޮފީހުން ކޮންމެވެސް މީހަކު ނުކުމެ ވާހަކަ ދައްކަވަނީ ރައީސް އިންނަވަނީ ފިނިކޮޓަރީގައި ފިއްލަވާ.މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހް
ފަލާހު ވިދާޅުވީ ގައުމަށް ލިބޭ ލާރިން ފަސޭހަކަމާއެކު ގައުމު ހިންގަން ވަޑައިގެންނެވި ބޭފުޅުން ގައުމުގެ ދުވަސް ދުއްވާލައިފިކަމަށެވެ. އަދި ވަރަށް ހިކުމަތްތެރިކަމާއެކު ރާއްޖެ ހަމަމަގަށް ނާޅުވައިފިނަމަ ހިތި ދުވަސްތަކެއް ފެނިގެން ގޮސްދާނެ ކަމަށާއި، އަވަށްޓެރި ލަންކާއަށްވި ގޮތަށް ރާއްޖެއަށް ނުވާނެ ގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށެވެ.