ޤާނޫނުގައި ބުނާ މުއްދަތަށް ކޯޓުން މައްސަލަތައް ނިންމާނަމަ، ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަހު ތިބެންޖެހޭ މައްސަލައަށް ޙައްލު އަންނާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އޮތް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ޤާނޫނުގައި އޮންނަނީ މައްސަލައެއް ޕީޖީ އޮފީހަށް ލިބޭތާ 15 ދުވަސް ތެރޭގައި ދައުވާ ކުރަން ކަމަށާއި، މިހާރު އެވްރެޖްކޮށް 6 ދުވަހުގެ ތެރޭގައި މައްސަލަތަކުގައި ދައުވާ ކުރާ ކަމަށެވެ.
އަޅުގަނޑުމެންނަށް 15 ދުވަސް ލިބުނަސް، 6 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކޯޓަށް މައްސަލަ އެބަ ހުށަހަޅަން، އަޅުގަނޑުމެން މި އަމާޒުކުރަނީ އެއަށްވުރެވެސް އަވަސް ކުރެވޭތޯޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޝަމީމް އިތުރަށް ވިދާޅުވީ، ވަރަށް އާދަޔާ ޚިލާފުު ޙާލަތެއްގައި މެނުވީ ދައުލަތުން އެދިގެން ކޯޓުން މައްސަލައެއް ކެންސަލްކޮށްފައި ނުވާނެ ކަމަށެވެ. ގިނަ ފަހަރު އެގޮތަށް ދައުލަތުން އެދިފައިވާނީވެސް ދެ ކޯޓެއްގައި އެއްވަގުތެއްގައި މައްސަލައެއް ތާވަލު ކޮށްފައިވާ އަޑުއެހުންތަކަށް ވަކީލަކު ދާން ޖެހޭ ޙާލަތެއް އައުމުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އޭގެ އިތުރުން، ކޯޓުގައި ހިނގާ މައްސަލަތައް ލަސްވުމުން ކޯޓަށް ސިޓީވެސް ހުށަހަޅަމުން ގެންދަވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން އާންމުންގެ ޝަކުވާ އަމާޒުވާ މައްސަލަތަކުގައިވެސް ކޯޓުގެ ސަމާލުކަމަށް އެކަން ގެނެސް މައްސަލަ އަވަސް ކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، އަބަދުވެސް 350 އާއި 300 އާ ދެމެދުގެ އަދަދަކަށް ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ތިބޭ ކަަމަށެވެ.
އެވްރެޖްކޮށް 16 މީހަކު ކޮންމެ މަހަކު ޝަރީއަތް ނިމެންދެން ބަންދު އެބަކުރޭ، އެކަމަކު 16 މީހުންގެ މައްސަލަ ކޯޓަކުން ނުނިމޭ، އެހެންވިއްޔާ މިަކަމަށް ނިމުމެއް ނާންނާނެޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޝަމީމް ވިދާޅުވީ، މިހާރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތަކުގައި އުޅުމާއި، ޓެރަރިޒަމް ފަދަ މައްސަލަތަކުގެ ތުހުމަތުގައި ތިބި މީހުން ކަމަށެވެ.
މިއީ ޤާނޫނުގައި ކަނޑައެޅިފައިވާ ކަންކަންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަހު ތިބެންޖެހޭ މައްސަލައަށް ޙައްލު ހޯދުމަކީ ކޯޓުގެ އަތްމަތީގައި އޮތް ކަމެއްކަމަށް ޝަމީމް ވިދާޅުވެފައިވާއިރު، އެންމެ ގިނަ ޖިނާއީ މައްސަލަތައް ފުނިޖެހިފައިވަނީ ކްރިމިނަލް ކޯޓުގައެވެ. ނަމަވެސް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ނުލިބުމުގެ ސަަބަބުން މި މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.