ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 10:24
ސްލޮވޭކިއާގެ ކޯޗު ކަލްޒޯނާ
ސްލޮވޭކިއާގެ ކޯޗު ކަލްޒޯނާ
ރޮއިޓާސް
ޔޫރޯ 2024
މާޔޫސް ކަމަށްވުރެ ބޮޑަށް، ފަޚުރުވެރިކަން އިޙުސާސް ކުރެވެ: ކަލްޒޯނާ
އިންގްލެންޑަކީ މުބާރާތް ކާމިޔާބު ކުރާނެ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމަކަށްވާއިރު، އެ ޓީމާ ދެކޮޅަށް ސްލޮވޭކިއާ އިން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އިންގްލެންޑު އަތުން ބަލިވި ނަމަވެސް، މާޔޫސް ކަމަށްވުރެ ބޮޑަށް ފަޚުރުވެެރިކަން އިޙުސާސް ކުރެވޭ ކަމަށް ސްލޮވޭކިއާގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ ބުނެފި އެވެ.

އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ސްލޮވޭކިއާ ބަލިވީ 2-1 އިންނެވެ. އެ މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރި ހޯދީ ވެސް ސްލޮވޭކިއާ އިންނެވެ. މެޗުގެ ނަތީޖާ އިންގްލެންޑުން ހަމަހަމަ ކުރީ އެންމެ ފަހު ވަގުތުގަ އެވެ. މެޗުން އިންގްލެންޑު މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައިގެންނެވެ. ނަމަވެސް މެޗުގައި ޖުމުލަ ގޮތެއްގައި ސްލޮވޭކިއާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ކަލްޒޯނާ ބުނީ، އިންގްލެންޑާ ދެކޮޅަށް ސްލޮވޭކިއާ އިން ދެއްކީ ވަރަށް ރަނގަޅު އަދި ފުރިހަމަ ކުޅުމެއް ކަމަަށެވެ. މެޗުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް، މާޔޫސް ކަމަށްވުރެ ބޮޑަށް އޭނާ އަށް ފަޚުރުވެރިކަން އިޙުސާސް ކުރެވޭ ކަމަށް ވެސް ކަލްޒޯނާ ބުންޏެވެ. ޚާއްސަކޮށް އިންގްލެންޑަކީ މުބާރާތް ކާމިޔާބު ކުރާނެ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމަކަށްވާއިރު، އެ ޓީމާ ދެކޮޅަށް ސްލޮވޭކިއާ އިން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް މެޗުގައި ލަނޑު ޖަހައި ލީޑު ނަގައި، އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް އެ ލީޑު ހިފަހައްޓަން ސްލޮވޭކިއާގެ ކުޅުންތެރިން ކުރި މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުގައި އިންގްލެންޑުން ލަނޑު ޖެހުމުން، އިތުރަށް މަސައްކަތް ކުރަން ޖެހުނު ކަމަށް ވެސް ކަލްޒޯނާ ވަނީ ފާހަގަކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ސްލޮވޭކިއާ އިން ދެއްކި ކުޅުމަށް ބަލާއިރު، އަމިއްލަ ހާފުގައި ތިބުމުގެ ބަދަލުގައި އިންގްލެންޑުގެ ހާފުގައި ތިބެގެން ކުޅެމުން ދިޔަކަން އޭނާ ފާހަގަ ކުރި އެވެ. އަދި އެ ދެ ހާފުގައި ވެސް ސްލޮވޭކިއާ އިން ލަނޑު ޖެހުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި، ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، ސްލޮވޭކިއާގެ ހުރިހާ ކުޅުންތެރިން އަދި ޓީމާ މެދު އިންތިހާ އަށް ފަޚުރުވެރިވާ ކަމަށް ކަލްޒޯނާ ވަނީ ބުނެފަ އެވެ.

ސްލޮވޭކިއާ އަށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބުނީ، ގްރޫޕް ސްޓޭޖުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް