ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 00:53
މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކޭން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކޭން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
އުނދަގޫ މޮޅާއެކު އިންގްލެންޑު ކުއާޓާ ފައިނަލަށް
އިންގްލެންޑު މޮޅުވީ މެޗުގައި ސްލޮވޭކިއާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް އެއްވަރުކޮށް، އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި އުނދަގޫ މޮޅާއެކު، އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ސްލޮވޭކިއާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް އެއްވަރުކޮށް، އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ސްލޮވޭކިއާ އިން ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. ސްލޮވޭކިއާ އަށް ލީޑު ނަގައިދިނީ އިވާން ޝްރާންޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑޭވިޑް ސްޓްރެލެކް އެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އިންގްލެންޑުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ، އިންގްލެންޑުގެ ފިލް ފޮޑެން ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ ބަލައި ނުގަތުމަށެވެ. އެއީ އޮފްސައިޑު ކަމަށް ނިންމައިގެންނެވެ.

މެޗުގެ ފަހު ވަގުތަށް ދިޔަ އިރު، އިންގްލެންޑުން ވަނީ ލަނޑު ޖެހުމަށް ވަރަށް މަސައްކަތް ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ވަނީ ހަ މިނެޓު ދައްކައިފަ އެވެ. އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ލަނޑު ޖަހައި، އެ ޓީމު ސަލާމަތްކޮށްދީފަ އެވެ. އެއީ މާކް ގުއެހީ ހުރަސްކޮށްދިން ބޯޅައެއްގައި، ބައިސިކަލް ކިކަކުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ 90 މިނެޓުގެ ކުޅޔން ނިމުނުއިރު، އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ފަށައިގެން ކުރީ ކޮޅު އިންގްލެންޑުން ވަނީ ލަނޑު ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަަގައިފަ އެވެ. އިވާން ޓޮނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން އެ ލަނޑު ޖެހީ ކެޕްޓަން ހެރީ ކޭން އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ސްލޮވޭކިއާ އިން ވަނީ އަނެއްކާ ވެސް ކުޅުން ރަނގަޅުކޮށް، ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފުނުއިރު، އިންގްލެންޑުން ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑު ނިކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް