ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 23:08
އެއިންސްޓައިން ފިޒިސިސްޓް ލިއޯ ސިލާޑް ލިޔުއްވާފައިވާ ސިޓީއެއްގައި ސޮއި ކުރުން
އެއިންސްޓައިން ފިޒިސިސްޓް ލިއޯ ސިލާޑް ލިޔުއްވާފައިވާ ސިޓީއެއްގައި ސޮއި ކުރުން
ގެޓީ އިމޭޖަސް
އެއިންސްޓެއިންގެ އޮޓޮމް ބޮން ސިޓީ
އެއިންސްޓެއިންގެ އޮޓޮމް ބޮން ސިޓީ ނީލަން ކިޔަނީ
އެ ސިޓީ އަށް ނީލަމުގައި އެތައް މިލިއަން ޑޮލަރެއް ލިބޭނެ ކަމަށް ބެލެވޭއިރު، އެ ފޮނުވުނީތީ އެއިންސްޓެއިން އެކަމާ ފަހުން ދެރަވި ކަމަށްވެއެވެ.

އެމެރިކާ އިން ދުނިޔޭގެ ފުރަތަމަ ނިއުކްލިއަރ ބޮން އުފެއްދުމަށް ހިތްވަރުދީ އެލްބަޓް އެއިންސްޓެއިން ފޮނުވި ސިޓީ ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

1939 ވަނަ އަހަރު އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ ރޫޒްވެލްޓަށް ފޮނުވި މި ސިޓީގައި އެއިންސްޓެއިން ބުނެފައިވަނީ ނާޒީ ޖަރުމަނުން އެފަދަ ބޮމެއް އުފައްދަފާނެ ކަމަށާއި، އޭގެ ކުރިން އެމެރިއާ އިން ނިއުކްލިއަރ ޕްރޮގްރާމް ފެށުން މުހިންމު ކަމަށް ދެކޭ ކަމުގައެވެ.

އޭގެ 3 އަހަރު ފަހުން މެންހަޓަން ޕްރޮޖެކްޓްގެ ނަމުގައި ނިއުކްލިއަރ ބޮމެއް އުފެއްދުމުގެ ޕްރޮގްރާމް އެމެރިކާ އިން ފަށާ، 1945 ވަނަ އަހަރު ޖަޕާނަށް އެމެރިކާ އިން ބޮން އެޅިއެވެ.

މި ސިޓީ ނީލަން ކިޔަނީ، އެ ސިޓީގެ މިލްކުވެރި ފަރާތް ކަމަށްވާ، މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ޕޯލް އެލަންގެ ޕާސަނަލް ކަލެކްޝަންގެ ބައެއް ތަކެތި ނީލާން ކިޔުމުގެ ތެރޭގައެވެ. ޕޯލް އެލަން އުމުރުން 65 އަހަރުގައި 2018 ވަނަ އަހަރު ވަނީ މަރުވެފައެވެ.

ލަފާ ކުރެވިފައިވަނީ ނީލަމުގައި ސިޓި އަށް 4 މިލިއަން ޑޮލަރާއި 6 މިލިއަން ޑޮލަރާއި ދެމެދުގެ އަގެއް ލިބޭނެ ކަމަށެވެ.

އެއިންސްޓެއިން ގެ މި ސިޓީ އަކީ ހަގީގަތުގައި ހަންގޭރީ އަށް އުފަން ފިޒިސްޓް ލިއޯ ސިލާޑް ލިޔުނު ސިޓީއެކެވެ. ސިޓީ ގައި އެއިންސްޓެއިން ސޮއި ކުރީ، އޭނާ އަކީ ސައިންސްގެ ރޮނގުން މާ ބޮޑަށް ގަދަރު ކުރެވޭ ފަރާތަކަށް ވާތީ، އެމެރިކާގެ ރައީސް ގެ ސަމާލު ކަން ސިޓީ އަށް ލިބުމުގެ ފުރުސަތު އެ ގޮތުން ބޮޑުވެދާނެ ކަމަށް ބަލައިފައެވެ.

ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސް ކޮޅެއް ކުރިން، 2 އޮގަސްޓް 1939 ގެ ތާރީޚްގައި އެއިންސްޓެއިން ގެ މި ސިޓީ ގައި ޖަރުމަނު ވިލާތަށް ވަރަށް ބާރު ގަދަ އައު ބާވަތެއްގެ ބޮމެއް އުފެއްދުމުގެ ގާބިލް ކަން ލިބިފައި ވެދާނެ ކަމަށް ބެލޭ ކަމަށް ލިޔެފައިވެއެވެ.

އެހެން ނަމަވެސް އެމެރިކާ އަކީ މިފަދަ ބޮމެއް އުފެއްދި ފުރަތަމަ ގައުމު ކަމަށް ވެފައި، އެއިންސްޓެއިން ގެ ސިޓީ އެ ބޮން އުފެއްދުމުގައި ދައުރެއް އަދާ ކުރި ކަމަށްޓަކައި، އެ ސިޓީ ފޮނުވުނީތީ ފަހުން އޭނާ އެކަމާ ދެރަވި ކަމަށް ވިއެވެ.

"ޖަރުމަނު ވިލާތަށް އެފަދަ ބޮމެއް އުފެއްދުމުގައި ކާމިޔާބު ނުވާނެ ކަން ކުރިން އެނގުނު ނަމަ، އަހަރެން އިނގިލި ވެސް ހިއްލާ ނުލީމުސް." 1947 ވަނަ އަހަރު އެއިންސްޓެއިން ބުނި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް