ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދަން ދާ މީހުންނަށް ކިއު ނަންބަރު ވިއްކަމުންދާ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ފަރުވާ ހޯދަން ބޭނުންވާ މީހުން ދިގު ކިއު އެއް އޮންނަ ކަން އާއްމުކޮށް ގިނަ ބަޔަކަށް އެނގޭއިރު، އެންޑީއޭ އިން ފަރުވާ އަވަސް ކުރަން ބޭނުންވާ ފަރާތްތަކަށް އެންޑީއޭ ގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކިއު ނަންބަރު ވިއްކާ ކަން ހާމަ ކުރީ އާދިއްތަ ދުވަހު މެންދުރު ފަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު މައުރޫފް އެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރސްގެ އަންޑަރ ސެކްރެޓަރީ އަހުމަދު މައުރޫފް ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީގެ ހާލަތު ވަރަށް ގޯސް ކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ފަރުވާ ހޯދަމުންދާ މީހުންނާއި، އެމީހުންގެ އާއިލާއިން އެތަކެއް ޝަކުވާއެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފަރުވާ ހޯދުމަށް އެންޑީއޭގައި އޮންނަ ކިއު ތަރުތީބު ނަންބަރު އެތަނުގެ ބައެއް މުވައްޒަފުން ވިއްކަމުންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
މައުރޫފް ވިދާޅުވީ މި މައްސަލަ އެމްޑީޕީން ކުށްވެރިކުރާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. މައުރޫފް ވިދާޅުވީ އދ އިން ބަލަމުން އަންނަނީ މަސްތުވާތަކެތީގެ މައްސަލައަކީ ސިއްހީ މައްސަލައެއްގެ ގޮތުގައި ކަމަށާއި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހެލްތް މިނިސްޓްރީގެ ދަށުން އެންޑީއޭ ހިންގަން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި މުޅި ދައުލަތުން ޑްރަގާއި މެދު ދެކޭގޮތް ނުވަތަ އެޕްރޯޗް ބަދަލުކޮށްފައިވާނެ ކަމަށާއި، އެގޮތަށް ނިންމީ އދ އިން ކަނޑައަޅާފައިވާ ގޮތަށް އެއީ ސިއްހީ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
އެންޑީއޭއަށް ގެންނަންޖެހޭ ބަދަލުތައްވެސް ދިޔައީ ގެންނަމުން. އަދި ގާނޫނަށް ގެންނަން މަޝްވަރާކުރެވުނު އިސްލާހުގެ މަފްހޫމަކީވެސް އެއީ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ހެލްތް މިނިސްޓްރީގެ ދަށުން އެންޑީއޭ ވަކިކޮށް، ހޯމް މިނިސްޓްރީގެ ދަށަށް ލީ ހިސާބުން ޕާޓިއަށް ފާހަގަކުރެވުނީ ސަރުކާރުގެ އެޕްރޯޗް ބަދަލުވީކަން ނުވަތަ ސާފު ނޫންކަން. އެހެންވީމާ ހެލްތް މައްސަލައެއްގެ ގޮތުގައި ނުބަލާ އެންފޯސްމަންޓް މިނިސްޓްރީއެއްގެ ދަށަށް ބަދަލުކޮށް ފަރުވާއަށް މާބޮޑު އެއްބާރުލުމެއް ނުދީ ގަދަބާރުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާނެ ކަހަލަ ގޮތަކަށް ފާހަގަކުރެވުނީ. މައިގަނޑު ސަރުކާރުގެ ވިސްނުން ހުރި ގޮތާއި ފެންނަ ފެނުން ސާފެއް ނޫން.ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރސްގެ އަންޑަރ ސެކްރެޓަރީ އަހުމަދު މައުރޫފް
މައުރޫފް ވިދާޅުވީ އެންޑީއޭގެ މުވައްޒަފުންގެ އަމަލުތައް ހުރިގޮތުންނާއި، އަދި ޕާޓިއަށް ލިބިފައިވާ ޝަކުވާތަކާއެކު ކަންބޮޑުވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގައި ކުދިންނަށް ދޭންޖެހޭ ފަރުވާގެ ކަންކަން އަވަސްކޮށް ކުރިއަށް ގެންދިއުމަށް ވަނީ ގޮވާލާފައެވެ.