ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 10:55
ސްލޮވޭކިއާގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ
ސްލޮވޭކިއާގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ
ރޮއިޓާސް
ޔޫރޯ 2024
ސްލޮވޭކިއާގެ ޓީމާމެދު ކަލްޒޯނާގެ އުއްމީދުތައް ބޮޑު
ކަލްޒޯނާ ބުނީ، އޭނާ ޓީމާ ހަވާލުވީ ފަހުން މިހާތަނަށް އައިއިރު، ސްލޮވޭކިއާ އިން ގިނަ ކަންކަން ރަނގަޅުކޮށް، ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ސްލޮވޭކިއާ ޤައުމީ ޓީމާމެދު އޭނާގެ އުއްމީދުތައް އަބަދު ވެސް ބޮޑު ކަމަށާއި، ޓީމުން އެތައް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް، އެ ޓީމުގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަމުންނެވެ.

ސްލޮވޭކިއާ އަކީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ ހޯދައިގެން، އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 16 އިން ޖާގަ ހޯދި ޓީމެކެވެ. އެ ޓީމުން ގްރޫޕް ސްޓޭޖުގައި ތިން މެޗު ކުޅެފައިވާއިރު، އެއް މެޗުން ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ބަލިވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ގްރޫޕް އީ ގައި ސްލޮވޭކިއާ ހިމެނުނުއިރު، އެ ގްރޫޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ބެލްޖިއަމްގެ މައްޗަށް ވެސް އެ ޓީމުން ވަނީ ކުރި ހޯދައިފަ އެވެ.

އިންގްލެންޑު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކަލްޒޯނާ ބުނީ، އޭނާ ޓީމާ ހަވާލުވީ ފަހުން މިހާތަނަށް އައިއިރު، ސްލޮވޭކިއާ އިން ގިނަ ކަންކަން ރަނގަޅުކޮށް، ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ޚާއްސަކޮށް، ސްލޮވޭކިއާ އަކީ އެ ޓީމާ ދެކޮޅަށް ކުޅޭ ޓީމުތަކަށް، އެ ޓީމާ ދެކޮޅަށް ބޭނުން ކަމެއް ނުކުރެވޭނެ ޓީމެއްކަން ވެސް ދައްކައިދީފައިވާ ކަމަށް ކަލްޒޯނާ ބުންޏެވެ.

ކަލްޒޯނާ ބުނީ، ސްލޮވޭކިއާ އަށް ދެވޭނެ ހިސާބެއް ކަނޑައެޅިގެން ބުނުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ޚާއްސަކޮށް އިންގްލެންޑަކީ ވަރުގަދަ ޓީމަކަށްވާއިރު، އެ ޓީމަކީ މުބާރާތުގެ އެންމެ ބޮޑު އެއް ފޭވަރިޓުން ކަމަށް ވެސް ކަލްޒޯނާ ބުންޏެވެ. އެހެންކަމުން އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަން އޭނާ ފާހަގަ ކުރި އެވެ. ސްލޮވޭކިއާ އިން އެ ޓީމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އަނެއްކާ ވެސް ޓީމުގެ ސަޕޯޓަރުން އުފާ ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމުގައި ކަލްޒޯނާ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ މެޗަށް ނިކުންނާނީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި، އޭނާގެ ޓީމާމެދު އުއްމީދުތަކެއް އޮތް ކަމަށެވެ. ކުޅުންތެރިންނަށް އެންމެ ފުރިހަމަ އިތުބާރު ކުރާ ކަމަށާއި، ކުޅުންތެރިންނަށް އެކަން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސްލޮވޭކިއާ އިން އިންގްލެންޑާ ދެކޮޅަށް ނިކުންނާނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް