ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 10:00
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ޓްވިޓަރ
ޔޫރޯ 2024
ޗެމްޕިއަން އިޓަލީ ބަލިކޮށް، ސްވިޒަލެންޑް ކުއާޓާ ފައިނަލަށް
މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑު ބައްދަލު ކުރަން ޖެހޭނީ، ސްޕެއިން އާއި ޖޯޖިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސްވިޒަލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލެންޑުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ސްވިޒަލެންޑުން ލަނޑު ޖަހައި ލީޑު ނެގި އެވެ. ރުބެން ވާގާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި، އިޓަލީގެ އެރިޔާ ތެރޭގައި ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެން ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ރެމޯ ފްރެއުލާ އެވެ. އެ ލަނޑަށްފަހު އިޓަލީން ނަތީޖާ ހަމަ ހަމަ ކުރުމަށް ވަރަށް މަސައްކަތް ކުރި އެވެ.

ދެ ވަނަ ހާފުގައި ސްވިޒަލެންޑުން ވެސް ވަނީ އިތުރު ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސްވިޒަލެންޑުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި، އިޓަލީ ހާސްކޮށްލި އެވެ. ސްވިޒަލެންޑުގެ ދެ ވަނަ ލަނޑު ޖެހީ ވާގާސް އެވެ. އިޓަލީން މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއިރު، ސްވިޒަލެންޑުން ވަނީ އެ ފުރުސަތުތައް ހުއްޓުވައިފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑު ބައްދަލު ކުރަން ޖެހޭނީ، ސްޕެއިން އާއި ޖޯޖިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް