ކ. މާލެ
|
28 ޖޫން 2024 | ހުކުރު 16:50
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑިމޮކްރެޓިކް ކެންޑިޑޭޓް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު ބޭއްވި ރިޔާސީ ބަހުސްގައި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑިމޮކްރެޓިކް ކެންޑިޑޭޓް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު ބޭއްވި ރިޔާސީ ބަހުސްގައި
ރޮއިޓާސް
އެމެރިކާގެ ރިޔާސީ ބަހުސް
ޒާތީ އެތައް ބަހުގެ ހަމަލާތަކެއްގެ ތެރެއިން ބައިޑްން އާ ޓްރަމްޕް ގެ ފުރަތަމަ ރިޔާސީ ބަހުސް ބާއްވައިފި
އުމުރުފުޅުން 81 އަހަރުގެ ބައިޑްން އާއި 78 އަހަރުގެ ޓްރަމްޕް އަކީ ރައީސް ކަމަށް ވަޑައިގެންނެވި އިރުވެސް އުމުރުން އެންމެ ދޮށީ ރައީސުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ދެބޭފުޅުންނެވެ. ބަހުސްގައި ޓްރަމްފް ވަނީ ބައިޑްން ބުއްދި ހަމަޖެހޭތޯ ބެލުމުގެ ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ބަހުސްގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވުމުގެ ތެރެއިން ޒާތީ ރުޅިވެރިކަމުގެ ހަމަލާތައްވެސް ބަދަލު ކުރެއްވިތަން ފެނިގެން ދިޔައެވެ.

ވާހަކަފުޅުގެ ތެރެއިން ކުއްލިކުއްލި އަށް ހުއްޓުން އަރަމުން ދިޔަ މިހާރުގެ ރައީސް ޖޯ ބައިޑްން އަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުލުފުލުގައި ބަހުގެ ހަމަލާތައް ދެއްވުމުގެ ތެރެއިން އެމެރިކާގެ މިއަހަރުގެ ފުރަތަމަ ރިޔާސީ ބަހުސް ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

90 މިނެޓަށް ދިގު ދެމިގެން ދިޔަ ބަހުސް ގައި ބައިޑްން އާއި ޓްރަމްޕް ވަނީ އެމެރިކާގެ ދާޚިލީ އަދި ޚާރިޖީ މައްސަލަތަކުގެ އިތުރުން ޒާތީ ރުޅިވެރިކަމުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ހަމަލާ ތަކެއް ދެއްވިއެވެ.

ޓްރަމްޕްގެ ހޫނު ހަމަލާތައް ބައިޑްން އަށް ދެއްވަމުން ބައިޑްން އަކީ އަކީ އިގްތިސާދީ ގޮތުންނާއި، ދުނިޔޭގެ ސްޓޭޖްގައި ފެއިލްވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

މަޑުމައިތިރި ރާގުގައި ޓްރަމްޕަށް ރައްދު ހަމަލާ ދެއްވުމުގައި ބައިޑްން ފެނިގެން ދިޔައީ ކުއްލި ހުއްޓުން އެރުމާއި، ވިދާޅުވާ އެއްޗެއް ސާފު ނުވުމާއި، ވިދާޅުވާ އެއްޗެއް ފަހުން ރަނގަޅު ކުރައްވަން ޖެހުމާއި، ދޫ އޮޅުންފަދަ ދަތިތަކާ އެކު ވާހަކަފުޅު ދައްކަވަމުން ގެންދެވި ތަނެވެ.

މިއީ އެމެރިކާގެ ތާރީޚްގައި މަގާމުގައި ހުންނެވި ރައީސް އަކާއި ކުރީގެ ރައީސެއް ބަހުސް ކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަ ކުރެވެއެވެ. ދެބޭފުޅުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކު ސިފަކުރެއްވީ އެމެރިކާގެ ތާރީޚުގައި އެންމެ ފީކަޅާ ރައީސްގެ ގޮތުގައެވެ.

އުމުރުފުޅުން 81 އަހަރުގެ ބައިޑްން އާއި 78 އަހަރުގެ ޓްރަމްޕް އަކީ ރައީސް ކަމަށް ވަޑައިގެންނެވި އިރުވެސް އުމުރުން އެންމެ ދޮށީ ރައީސުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ދެބޭފުޅުންނެވެ. ބަހުސްގައި ޓްރަމްފް ވަނީ ބައިޑްން ބުއްދި ހަމަޖެހޭތޯ ބެލުމުގެ ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އެފަދަ ޓެސްޓްތައް ހައްދަވާފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ ފެނުމުން ޑޮކްޓަރުން އޭނާ އަށް ތައުރީފް ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެޓްލާންޓާގައި ހުންނަ ސީއެންއެން ގެ ހެޑްކޯޓަރ ގައި ބޭއްވި ބަހުސް އަށް ދެ ބޭފުޅުން ވަޑައިގެން ޕޯޑިއަމް ކައިރީގައި ހުއްޓި ވަޑައިގަތީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސަލާމް ވެސް ކޮށްލުމެއް ނެތިއެވެ. ބަހުސް ކުރިއަށް ދިޔައީ ކުރިން އެއްބަސް ވެފައިވާ ގޮތައް އޯޑިއަންސް ނެތި އަދި އެއްބޭފުޅަކު ވާހަކަފުޅު ދައްކަވާއިރު އަނެއް ބޭފުޅެއްގެ މައިކް ކަނޑާލައިގެންނެވެ.

ބައިޑްން ބަހުސަށް ވަޑައިގެންނެވި އިރު ރޯގާގެ އާލާސްކަންފުޅެއް ހުރި ކަމަށް އޭނާގެ ކެމްޕޭނުން ހާމަ ކޮށްފައިވާ އިރު، އެތައް މިލިއަން ބެލުން ތެރިންގެ ކުރިމަތީގައި ބައިޑްން ބަހުސްގެ ބޭނުން ހިއްޕެވި އެއް ކަމަކަށް ފާހަގަވީ، ޓްރަމްޕް އަކީ ކުށްވެރިއެއް ކަމަށް ކޯޓުން ކުރި ހުކުމް ބެލުންތެރިންނަށް ހަދާން ކޮށްދެއްވުމަށެވެ. އަޑުފުޅުގެ ކުރަކި ކަމާއެކުވެސް ވަރަށް ފަރިތަ ކަމާއެކު ބައިޑްން ސްޓޯމީ ޑެނިއެލްސްގެ މައްސައަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ޓްރަމްޕަކީ ކަސްބީ އަންހެނަކަށް ފައިސާ ދެއްވައިގެން ޖިންސީ ގުޅުން ހިންގެވިކަން ކޯޓުން ސާބިތުވެފައިވާ ފަރާތެއް ކަމަށެވެ.

"ވިސްނާލަ، ކިތައް މަދަނީ ކުށުގެ އަދަބު އެބައޮތް؟ އެ ކުއްތަކަށް ކިތައް ބިލިއަން ޑޮލަރުގެ އަދަބު އައިސް އެބައޮތް އަންހެނަކަށް އާންމު ތަނެއްގައި ޖިންސީ ގޯނާ ކޮށްގެން؟ އަންހެނުން ބަލިވެއިންދާ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ ޖިންސީ ގުޅުން ހިންގައިގެން؟ ތިޔައީ މަގުމަތީގައި އުޅޭ ބުޅަލެއްގެ އަޚްލާގް ހުރި މީހެއް." ބައިޑްން ވިދާޅުވިއެވެ.

"ކަސްބީ އަންހެނަކާ ޖިންސީ ގުޅުމެއް ނުހިންގަން." ޓްރަމްޕް ބައިޑްން އަށް ވަގުތުން ދެއްވި ރައްދުގައި ވިދާޅުވިއެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ޓީވީ ރިޔަލިޓީ ޝޯވ ތަކުން މަޝްހޫރު ކަން ހޯއްދެވި ޓްރަމްޕް ރިޔާސީ ބަހުސްގައި ފެނިގެން ދިޔައީ، ވިދާޅުވާ ކޮންމެ އެއްޗެއް އޭގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ވަރަށް ޔަގީން ކަމާއެކު އަޑުފުޅަށް ބާރު ލައްވާފައި ވިދާޅުވަމުން ގެންދެވި ތަނެވެ.

ބައިޑްންގެ ރެކޯޑްތަކުގެ ފީކަޅާ ކަން ދައްކަވާ، މިގޮތުން ފުލުފުލުގައި ޓްރަމްޕް ޖުމްލަތައް އަތުރާލެއްވި މަންޒަރު ފެނިގެން ދިޔައެވެ.

"މި 4 އަހަރު މިގައުމަށް ވެގެން ދިޔައީ ލަދުގަންނަ ފަދަ ގޮތްތަކެއް." ޓްރަމްޕް ވިދާޅުވިއެވެ. "އަހަންނަކީ ގިނަ ބަޔަކާ ރަހުމަތްތެރިކަން އޮންނަ މީހެއް، އެމީހުންނަކަށް ގަބޫލެއް ނުކުރެވޭ އެމެރިކާ އަށް ވެގެން މި ދިޔަ ގޮތެއް، އެމެރިކާއަކީ މިހާރު ބަޔަކު އިހްތިރާމް ކުރާ ގައުމެއް ނޫން." ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ބައިޑްން ވާހަކަފުޅު ދައްކަވަމުން ގެންދެވި ގޮތައްވެސް މަލާމާތް ކުރައްވާފައެވެ. އެއް ހިސާބަކުން ޓްރަމްޕް ވިދާޅުވީ، "ޖުމްލަ ނިމުނު ހިސާބުން އެ ބުނި އެއްޗެއް ހަމަ ހަގީގަތުގައިވެސް ނޭގުނު، އަހަންނަކަށް ނޭގެ އޭނާ އަށް ވެސް އެ ބުނެވުނު އެއްޗެއް އެނގޭނެހެންނެއް."

ބަހުސްގައި ބައިޑްންގެ ޕާފޯމަންސާ މެދު ޑެމޮކްރަކްޓިކް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަން ފާޅު ކޮށްފައެވެ.

ބަހުސަށް ފަހު ޑިމޮކްރަޓިކް ޕާޓީގެ އިސް ބައެއް ފަރާތްތަކުން ވަނީ އެ ޕާޓިގެ ރިޔާސީ ކެންޑިޑޭޓަކަށް ބައިޑްން ނޫން ބޭފުޅަކު ހަމަ ޖެއްސުމުގެ ވިސްނުން ގެންގުޅެން ޖެހިއްޖެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް