ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 17:23
ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަސަން ފަވާޒް
ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަސަން ފަވާޒް
ރާއްޖެއެމްވީ
ނައީމާގެ މަރުގެ މައްސަލަ
ނައީމާގެ މަރު: ފަވާޒަކީ ލޭއަޅާ ކުއްޖަކަށްވާތީ އޭނާގެ ބަލި ޙާލަތާމެދު އިތުރަށް ސަމާލުވާން ދިފާއުން އެދޭ
ދުވަހެެއް ދުވަހަށް ފަވާޒުގެ ހާލަތު ދަށްވަމުންދާކަން ދިފާއުން ފާހަގަ ކުރޭ
ދިފާއުން ބުނަނީ ދައުވާއާއިގެން ކުރިއަަަށްދިޔަސް ފަވާޒަކީ ލޭއަޅާ ކުއްޖެއްކަން ވިސްނަންޖެހޭކަމަށް
ދައުލަތުން އިސްވެ އޭނާގެ އެސެސްމަންޓެއް ހަދަން ޖެހޭ ފަދަ ޙާލަތެއް އޮތްކަމަށް ޤަބޫލު ނުކުރެވޭކަމަށް ދައުލަތުން ބުނޭ

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ޙަސަން ފަވާޒުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. އަހުޒަމްއާއި ރިފާސްގެ މައްޗަށް ކުރާ ދައުވާގެއަޑުއެހުންވެސްބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ.

ޙަސަން ފަވާޒުގެ ބައިގައި ދިފާއީ ވަކީލު ވިދާޅުވީ، ދައްކާ ވާހަކަތައް ފަހުމު ވުމުގައި އަދި "ފޯކަސް ކުރުމުގައި ހަސަން ފަވާޒަށް ދަތިތައް ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ

ދިފާއީ ވަކީލު އިތުރަށް ވިދާޅުވީ، ހަސަން ފަވާޒަކީ ތެލަސީމިއާ ލޭ އަޅާ ކުއްޖެއް ކަމަށާއި، މިއަދާ ހަމައަށް އައިއިރު ކަރެކްޝަންސްއިން އޭނާ 34 ފަހަރު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އޭނާއަކީ މިދިޔަ އަހަރުން ފެށިގެން ސަރޖަރީއެއްވެސް ކުރަން ޖެހިފައިވާ ފަރާތެއްކަމަށް ވަކީލު ވިދާޅުވިއެވެ.

އޭނާއަށް ނިދުމުގެ ދަތިތަކާއި އެންޒައިޓީ ކުރިމަތިވާތީ އޭނާ ޑޮކްޓަރަށް ދެއްކުމުން ނަފްސާނީ ވަރުގަދަ ބޭސް ދީފައިވާކަމަށްވެސް ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭނާއަށް ސައިކޮލޮޖިކަލް ކައުންސިލިންގ ވެސް ލިބެންޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން އޭނާއަށް ސައިކޮލޮޖިކަލް ތެރަޕީ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، އެ ކައުންސިލިންގ ގެ ނަތީޖާއެއް ހިއްސާ ކޮށްދިނުމަށް ދިފާއުން ވަނީ އެދިފައެވެ.

އަދި ދައުވާއަށް ޖަވާބުދާރީވުން އޭގެ ފަހުން ކުރިއަށް ގެންދިއުމަށް ދިފާއުން އެދިފައިވެއެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ، އޭނާއަކީ ތެލަސީމިއާ ބަލިމީހަކަށްވާތީ އޭނާގެ ފަރުވާގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ނަފްސާނީ ބައްޔެއް އަދި ޖިސްމާނީ ބައްޔެއް ތަހައްމަލު ކުރަމުން ދިއުމަކީ ޝަރީއަތް މަޑުޖައްސަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ބޭސް ފަރުވާ ކުރުމަށް މައްސަލަ މަޑުޖައްސާލުމަކީ މުއްދަތެއް ނެތް ގޮތަށް މަޑު ޖައްސާލުން ކަމަށާއި، މައްސަލައިގައި ޖަވާބުދާރީ ވެވޭނެ ތާރީޚެއް ދިފާއުން ބުނެދިނުމަށް އެދޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުން އިސްވެ އޭނާގެ އެސެސްމަންޓެއް ހަދަން ޖެހޭ ފަދަ ޙާލަތެއް އޮތްކަމަށް ޤަބޫލު ނުކުރެވޭކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޝަރީއަތުންވެސް ވަނީ ބަލި ޙާލަތަށް ބަަލައި ޝަރީއަތް މަޑުޖައްސާލުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައިވާ ކަންކަން ފުރިހަމަވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

ދިފާއީ ވަކީލު ވިދާޅުވީ، މައްސަލަ މަޑުޖައްސާލަން ދިފާއުން އެދިފައިނުވާނެ ކަމަށާއި، ދިފާއުގެ އެދުމަކީ އޭނާގެ ފަރުވާގެ އިންތިޒާމު އެންމެ ރަނގަޅަށް ހަމަޖައްސައިދިނުން ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ޝަރީއަތުން އަންގާ ދުވަހެއްގައި ދިފާއުން ޖަވާބުދާރީ ވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ. ގާޒީ ވިދާޅުވީ، ދިފާއުގެ ކަންބޮޑުވުންތަކަށްވެސް ރިއާޔަތް ކުރައްވާނެ ކަމަށާއި، ހުރިހާ ކަމަކަށް ބެއްލެވުމަށްފަހު ދައުވާއަށް ޖަވާބުދާރީ ވުމުގެ އަޑުއެހުން ބާއްވަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
27 ޖޫން 2024 | ބުރާސްފަތި 18:04
ސިރާޖު
މީހެއްގެ މަރުގެ ޒިންމާ އުފުލަންޖެހުނީމަ ތަ އިނގުނީ ލޭއަޅަންޖެހެކަން