ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.
ބުރާސްފަތި ދުވަހު އެ 3 މީހުންގެ މައްޗަށް ކުރާ ދައުވާއާގުޅޭ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކިންނެވެ. ފުރަަތަމަ ކުރިއަށް ގެންދިޔައީ އަބްދުލްވާހިދު ރިފާސްގެ ބައެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލައިގެ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައެވެ. އޭގެ ތެރޭގައި އެއްކޮށް ސިއްރު ކުރަން އެދިފައިވާ ހެކިތަކާއި، ވަކި މިންވަރަކަށް ސިއްރު ކުރުމަށް އެދިފައިވާ ހެކިތައް ހިމެނެއެވެ.
ދައުލަތުން ވަކި މިންވަރަކަށް ސިއްރު ކުރަން އެދުނު ހެކިތަކުގެ ތެރޭގައި ނިޔާވި ފަރާތުގެ ފޮޓޯތައް ހިމެނޭ ލިއުންތައް ހިމެނެއެވެ. އެ ފޮޓޯތައް އާންމުވެއްޖެނަމަ ނިޔާވި ފަރާތުގެ އާއިލާއަށް އިތުރު ހިތާމަތަކެއް ލިބިގެންދާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުން އެދިފައިވަނީ ކޯޓުން ހަމަޖައްސާ ވަކި އިންތިޒާމުތަކެއްގެ ދަށުން ދިފާއަށް އެ ލިއުންތައް ބެލޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ.
އޭގެ އިތުރުން، ސިއްރު ކުރަން ޖެހޭ މައުލޫމާތު އުނިކުރުމަށްފަހު މައްސަލައިގެ ތަހުގީގު ރިޕޯޓުވެސް ދިފާއަށް ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަން ދައުލަތުން ފާހަގަކުރިއެވެ.
އެއްކޮށް ސިއްރު ކުރުމަށް އެދިފައިވާ ހެކިތަކުގެ ތެރޭގައި މި މައްސަލައިގައި ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް ހިމެނެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ބަޔާން އޮތް ގޮތުން މުޅި ބަޔާން ސިއްރު ކުރަން ޖެހޭ ކަމަށާއި، ސަބަބަކީ ބަޔާން ކިޔާލުމުން އެ ސިއްރު ހެކިންނަކީ ކޮބައިކަން އެނގިގެން ގޮސްދާނެތީ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ. ގާޒީ ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވާފައެވެ.
އެއަށްފަހު ދައުވާ އިއްވުމާއި ޖަވާބުދާރީ ވުމުގެ ބައި ކުރިއަށް ގެންދަވަން ގާޒީ ނިންމެވިއެވެ. އެހެންނަމަވެސް ދިފާއުން ވަނީ އަދިވެސް ބައެއް ލިއެކިއުންތައް ނުލިބޭކަން ފާހަގަ ކުރައްވައި، އެ ތަކެތި ލިބުމުން ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން، މުވައްކިލާއެކު ބައްދަލު ކުރުމުގައި ހުރި ދަތިތައްވެސް ދިފާއުން ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.
ދެން ކުރިއަށްދިޔައީ އަހުޒަމް އަބްދުލް ޝަކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ ބައެވެ. އެ ބައިގައިވެސް ގާޒީ ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވާފައެެވެ. އަހުޒަމްއަށް ކުރާ ދައުވާގައިވެސް ދައުވާއަށް ޖަވާބުދާރީވުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ.