ސިމްޑީ ގްރޫޕުން "މޮނިން"އާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މޮނިން ކަޕްގެ ޗެމްޕިއަންކަން ރިޓްސް ކަރލްޓޮން މޯލްޑިވްސްގެ އެރެސްޓާ ޑިއަންޓާރާ ހޯދައިފިއެވެ.
މި މުބާރާތުގެ އެއް ވަނަ އަށް ދިޔަ މިކްސޮލޮޖިސްޓަށް މި އަހަރު ފްރާންސްގައި އޮންނަ އިންޓަނޭޝަނަލް "މޮނިން ކަޕް"ގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެކަން މީގެ ކުރިން ސިމްޑީ އިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މޮނިން ކަޕްގައި ރާއްޖެ ތަމްސީލްކުރާނީ އެރެސްޓާ ޑިއަންޓާރާ އެވެ.
ތާޖް އެގްޒޯޓިކާ ރިސޯޓުގައި ބޭއްވި އެ މުބާރާތުގައި 15 ބައިވެރިން ވަނީ ވާދަކޮށްފައެވެ. އެ 15 ބައިވެރިން ހޮވާފައި ވަނީ މުބާރާތުގައި ވާދަކުރަން އެދި ހުށަހެޅި 50 ބައިވެރިންގެ ތެރެއިންނެވެ. މުބާރާތުގެ ދެ ވަނަ ހާސިލްކޮށްފައި ވަނީ ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާގެޑެނިއެލް މާސެލޯއެވެ. އަދި ތިން ވަނަ ހާސިލްކޮށްފައި ވަނީ ތާޖް އެކްޒޮޓިކާގެ ޕްރަތާ މަލޯތްރާއެވެ. މި ދެ މީހުންނަށް ވެސް މެލޭޝިއާގައި ހުންނަ މޮނިންގެ ފެކްޓްރީއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސިމްޑީ ގްރޫޕުން ބުނީ 'ދަ މޮނިން ކަޕް 2024' ބޭއްވީ ޖޫން 22 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފަނޑިޔާރުންގެ ތެރޭގައި މޮނިން ބެވަރޭޖްގެ އެކްސްޕާޓް ފެލީޕް ވެލެންސިއާ ސެންޓަންޑާރް ހިމެނެއެވެ. އަދި ތާޖް އެގްޒޯޓިކާ ހޮޓެލްސް އެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކޮރީނާ ލުއޭބް، އިންޑަލްޖް މޯލްޑިވްސް ޓްރެވަލް އޭޖެންސީގެ އިތުރުން އިންޑަލްޖް ތުލުސްދޫ ކެފޭގެ ކޯ- އޯނަރ ކްރިސްޓީ ލީ މުރޭ ވަނީ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައެވެ. ރާއްޖޭގައި ބޭއްވި މޮނިން ކަޕް މުބާރަތަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭއްވި މުބާރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތް ކަމަށް މޮނިންގެ ޓްރޭޑް އެންޑް މާކެޓިން މެނޭޖަރު ފޯ މިޑްލް އީސްޓް، އޭޝިއާ އެންޑް ދަ ސަބްކޮންޓިނެންޓް، އެންޖެލޯ ކެރުމް ވަނީ ވިދާޅުވެފައެވެ.
ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހިމް މުހައްމަދު ދީދީވެސް ވަނީ މިފަދަ ފެންވަރު ރަނގަޅު މުބާރާތްތައް ރާއްޖެ އަށް ގެނައުމަށް އެ ކުންފުނިން މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި މި މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔެއާ އެކު އޮތް ގުޅުން ގާތްވެގެން ދާކަމަށް ފާހަގަކުރެއްވިއެވެ.
2010ން ފެށިގެން މޮނިން ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކާ ހަމައެކަނި ކުންފުންޏަކީ ސިމްޑީއެވެ. މިހާރު ސިމްޑީން މޮނިންގެ 50ށް ވުރެ ގިނަ ފްލޭވާތަކާއި 20ށް ވުރެ ގިނަ ޕިއުރޭ ވިއްކައެވެ.