ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 20:39
މެނިންޖައިޓިސް ބެކްޓީރިއާގެ ތަސްވީރެއް
މެނިންޖައިޓިސް ބެކްޓީރިއާގެ ތަސްވީރެއް
ގެޓީ އިމޭޖަސް
މެނިންގޯކޮކަލް ބަލި
ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭގައި!
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވީ މި ބަލީގައި ކަމަށް ޚަބަރުތައް ބުނޭ

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޯކޮކަލް ރާއްޖޭން ފެނިފައިވާ ކަމަށް ސިއްހީ ދާއިރާގެ އިސް އޮފިޝަލަކު ކަށަވަރު ކޮށްދީފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު އާ ހަވާލާދީ "ސަން އޮންލައިން" އިން ބުނެފައިވާ ގޮތުގައި މި ބަލީގެ އެއް ކޭސް މިހާރު ރާއްޖޭގައި އެބަ އުޅެއެވެ. މައިމޫނާ ވިދާޅުވި ކަމަށް އެ ނޫހުގައި ވަނީ މި ބަލި ފެތުރެމުން ނުދާ ކަަމަށެވެ.

މި ބަލި ރާއްޖޭގައި އުޅޭކަން ސަރުކާރުން ރަސްމީ އިދާރާތަކުން އަދި ހާމަ ކޮށްފައި ނުވި ނަމަވެސް، ބަލި ޖެހިފައިވާ މީހަކު ރާއްޖޭން ފެނިފައިވާ ކަމަށާއި، އޭނާ އާ ކޮންޓެކްޓް ވީ މީހުން ދެނެގަނެ ބައްޔަށް ޓެސްޓް ކުރުން މިހާރު ކުރިއަށް ދާ ކަމަށް ޚަބަރު ލިބެއެވެ.

މެނިންގޯކޮކަލް ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަންގާރަ ދުވަހު ނިޔާވީ މެނިންގޯކޮކަލް ބަލީގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކާ ހަވަލާދީ ރާއްޖޭގެ ބައެއް މީޑީއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ހައްޖަށްދާ މީހުންގެ ތެރެއިން އުމުރުން 1 އަހަރުން މަތީގެ އެންމެން މެނިންގޯކޮކަލް ވެކްސިން ޖެހުމަކީ ސައުދީ ސަރުކާރުން ލާޒިމް ކޮށްފައިވާ ކަމެކެވެ.

ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން އަންގާރަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭން ހައްޖަށް ދިޔަ އެންމެން ދިޔައީ ވެކްސިން ފުރިހަމަ ކޮށްގެން ކަމަށެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އިން މި ބައްޔާ ބެހޭ ގޮތުން ބުނެފައިވަނީ ބަލިން ރައްކައުތެރި ވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަކާ އޭޑީކޭ ގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ މި އަހަރު ހައްޖުން އައި ފަހުން ގަދަ އަށް ހުން އައުމުގެ ސަބަބުންނެވެ. ބަކާ އަންގާރަ ދުވަހު ނިޔާވީ އޭނާ އޭޑީކޭގެ އައިސީޔޫ ގައި އެޑްމިޓް ކޮށް ފަރުވާ ދެމުންދާތާ 3 ދުވަސް ފަހުންނެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުންވެސް ވަނީ ހައްޖުން އައި ބައެއް މީހުންނަށް މެނިންގޯކޮކަލް ބަލި ޖެހިފައިވާކަން ރިޕޯޓް ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް ހެލްތް ޕްރޯ ވެބްސައިޓުން ބުނެފައިވަނީ ޖޫން މަހުގެ 21 ގެ ނިޔަލަށް ހައްޖުން އައި މީހުންގެ ތެރެއިން 14 މީހަކަށް ބަލި ޖެހިފައިވާކަން އެމެރިކާ އާއި އިނގިރޭސިވިލާތުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް