ކ. މާލެ
|
24 ޖޫން 2024 | ހޯމަ 18:47
 މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު
މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ ސިއްޙީ ދާއިރާ
ނަފްސާނީ ބަލީގެ ފަރުވާ ދެވޭނެތަނަކަށް ހުރީ ހަމައެކަނި އައިޖީއެމްއެޗްގައި ހުރި ބިންގަރާހެއް އެކަނި - ޝާކިރު
ޝާކިރު ވިދާޅުވީ ރާއްޖޭގައި ކެންސަރާއި ނަފްސާނީ ބަލި ވަނީ ހައްދު ފަހަނައަޅާ ހިސާބަށް ގޮސްފައި ކަމަށް
ޝާކިރު ވަނީ ސިއްހީ ނިޒާމް ރަނގަޅުކުރަން މަސައްކަތް ނުކުރާ ކަަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފަ

ނަފްސާނީ ބަލީގެ ފަރުވާ ދެވޭނެތަނަކަށް ހުރީ ހަމައެކަނި އައިޖީއެމްއެޗްގައި ހުރި ބިންގަރާހެއް އެކަނި ކަމަށް މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ސިއްހީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފެވެ.

ޝާކިރު ވިދާޅުވީ ރާއްޖޭގައި ކެންސަރާއި ނަފްސާނީ ބަލި ވަނީ ހައްދު ފަހަނައަޅާ ހިސާބަށް ގޮސްފައި ކަމަށެވެ. އެ ދެ ބަލީގެ ހާލަތު އޮތީ ނުރައްކާތެރި ހިސާބެއްގައި ކަަމަށް ޝާކިރު ވަނީ ވިދާޅުވެފައެވެ.

ޚާއްސަ ގޮތެއްގައި ނަފްސާނީ ބައްޔަށް ފަރުވާ ދިނުމުގެ ނިޒާމް އަދި އޮތީ ވަރަށް ބަލިކަށިކޮށް ކަމަށް ފާހަގަކުރައްވާ ޝާކިރު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝާކިރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭތޯ ސުވާލު އުފައްދަވާފައެވެ.

އެކަން ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތަށް އަރާ ދަރުމަވަންތަ ހޮސްޕިޓަލް ފުލީ ޔޫޓިލައިޒް ކުރެވޭ ބާވައޭ. ރާއްޖޭގައި ބޭނުން ކުރެވޭ ބޭސް އެ ބޭހުގެ ސްޓޭންޑަރޑް ހިފެހެއްޓުމާއި މި ކަންކަމަށް ރިއާޔަތްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން މި ބިލް ފުރިހަމަވެގެން ދާއިރު.

އޭނާ ވަނީ ސިއްހީ ނިޒާމް ރަނގަޅުކުރަން މަސައްކަތް ނުކުރާ ކަަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން މާވަށު ދާއިރާގައި ސާފު ފެން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އިތުރު ބަލިތަކަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވަށާޖެހޭ ހައްލެއް ނުހޯދާ ސިއްހީ ނިޒާމް ހަރުދަނާ ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިއްހީ ދާއިރާ އަށް ހައްލު ލިބޭނީ އެހެނިހެން އިޖުތިމާއީ މައްސަލަތައް ވެސް ހައްލުކޮށްގެންކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސިއްހަތާއި ބެހޭ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލްއަކު އައްޔަން ކުރަނީ ވަރަށް ބޮޑަށް ނިޒާމަށް ބުރު އަރާ ތާށިވާގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޤާނޫނުތައް ހެދުމަށް ފަހި ޤާނޫނުތައް ތަންފީޒުވާ މިންވަރު ދިރާސާކުރަން ވިސްނަން ޖެހޭ ކަމަށެވެ.

- ކޮމެންޓް