އައްޑޫގެ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ލާރި ނުދޭތީ ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓާ ނުލައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ މުޒާހަރާގައި ބައިވެރިވާ ކެޔޮޅުން މަޝްވަރާ ކުރުމަށްފަހު ނިންމީ، ސަރުކާރުން މަސްވެރިންގެ ޑިމާންޑްތަކަށް އިޖާބަ ނުދެނީސް މަސްވެރިން ކުރަމުންދާ މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ.
މިމުޒާހަރާއަށް ހިތްވަރު ދިނުމުގެ ގޮތުން މާދަމާ މަރަދޫ ބަނދަރު ސަރަހައްދުގައި މަސްވެރިންގެ އާއިލާތަކުން ނިކުމެ މުޒާހަރާ ކުރާނެ ކަމަށް ރާއްޖެޓީވީ އާ ވާހަކަ ދެއްކި މުޒާހަރާގައި ބައިވެރިވާ މަސްވެރިއަކު ވަނީ ބުނެފައެވެ.
މަސްވެރިންގެ މުޒާހަރާ އާ ގުޅިގެން އާދިއްތަ ދުވަހު މިފްކޯ އިން ވަނީ މަސްވެރިންނަށް އިންޒާރު ދީފައެވެ.
މިފްކޯ އިން ވަނީ މަސްވެރިން މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ހުރި ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތައް ހުރަސް އަޅާނަމަ އެކަމުގައި ބައިވެރިވާ އޮޑިފަހަރުން މަސް ގަތުން ތިން މަސް ދުވަހުގެ މުއްދަތަށް ހުއްޓާލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.
މިފްކޯގެ މި އިންޒާރާ ގުޅިގެން އިހްތިޖާޖުގައި ބައިވެރިން ބުނެފައިވަނީ މިފްކޯ އިން ސަސްޕެންޑް ކުރިއަސް އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
މިފްކޯ އިން ބުނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން އެ ތަނުގެ އޮޕަރޭޝަން ހުއްޓުވާފައިވާތީ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.
އައްޑޫގައި މުޒާހަރާ ކުރާ މަސްވެރިން ބުނަމުން އަންނަނީ އެމީހުން މިފްކޯ އަށް ކިރާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސް ވުމުން އެ މީހުންގެ އާއިލާތައް ތިބީ ވަރަށް ދަތި ހާލުގައި ކަމަށެވެ.
ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެގެން ކަން ފާހަގަ ކުރެވެއެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.
އައްޑޫ މަސްވެރިން ބުނަނީ 24 ގަޑީއިރު ތެރޭ ފައިސާ ނުދެވުނަސް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތް ހަދައި ދިނުމަށެވެ.
ސަރުކާރުން އިހްތިޖާޖުގެ ބައިވެރިންނަށް އެއްވެސް އިޖާބައެއް މިހާތަނަށް ދީފައި ނުވެއެވެ.