މީގެ ކުރިން މަސްވެރިކަމާއި ބެހޭ ވަޒީރު ވީތަނެއް ނޭނގިގެން މަސްވެރިން އުޅެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް އެފަދައިން ވިދާޅުވީ މަސްވެރިންގެ މުޒާހަރާ އާއި މެދު ޝުޖާއު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މަސްވެރިން އުޅެނީ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއުގެ ޓްވީޓެއް ނުފެނިގެނެއް ނޫން ކަމަށާއި މަސްވެރިން ބޭނުމީ މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ ޖަވާބެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.
މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާއަކީ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށް ޝުޖާއު ވަނީ ސިފަކުރައްވާފައެވެ. ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކާއި ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހިފަހައްޓާފައި އޮތް ފައިސާ އާއެކު 800 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އެބައޮތް ކަމަށެވެ. އަދި އެ ފައިސާ ޗާޕުނުކޮށް މަސްވެރިންނަށް ފައިސާ ދިނުމަކީ ކާމިޔާބެއް ކަމަށް ޝުޖާއު ވަނީ ސިފަކުރައްވާފައެވެ. ޝުޖާއު ވަނީ މަސްވެރިންނަށް މިހާތަނަށް ނުދީ ހުރި ފައިސާ ވަރަށް އަވަހަށް މަސްވެރިންނަށް ދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވެފައެވެ. މި ސަރުކާރަކީ މުޒާހަރާތަކުގެ އަޑު އަހާ، އެ މުޒާހަރާތަކުގައި ޑިމާންޑްކުރާ ކަންކަން ހައްލުކުރާ ސަރުކާރެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުގެ އެ ވާހަކަތަކާއި ގުޅިގެން ނާޒިލް ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިންގެ ހަޔާތުގައި ވެސް ދެކޭ އެންމެ އަނދިރި ދުވަސްވަރު ކަމަށެވެ. އަދި މިހާ ނިކަމެތިކޮށް މަސްވެރިންނާއި މެދު އަމަލުކުރި ސަރުކާރެއް އަދި ވެރިކަމަށް ނާންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަސްވެރިންގެ ވަޒީރަކު ހުރިތޯ، މަސްވެރިންގެ ވަޒީރު ފަހާ ދުވާކަށް ނުޖެހޭ އޭރަކު. މިހާރު މިކަން ކުރަން މި ޖެހެނީ. މިއީ އެންމެ އަނދިރި ދުވަސްކޮޅު މަސްވެރިންގެ ހަޔާތުގައި. މިހާ ނިކަމެތިކޮށް މިހާ ގިނަ ދުވަހު މަސްވެރިންނަށް ފައިސާ ނުދީ އޮތީމަ ވަޒީރު ކޮބާތޯ މަސްވެރިން ހޯދަން ނުކުންނަނީ. ޝުޖާއު ހޯދާކަށް ނޫން. މަސްވެރިން އެދެނީ ވަޒީރުގެ ޓްވީޓަކަށް.މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ނާޒިލް ވަނީ މަޖިލީހުގައި މަސްވެރިންގެ ހައްގުތައް ހޯދާދޭން މަސައްކަތް ކުރެވިދާނެ ގޮތަކާއި މެދު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެ މަޝްވަރާތަކަށް ފަހު މި މައްސަލަ އާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާނީ ގަރާރެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ނިންމާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މި މައްސަލަ އާއި މެދު ސުވާލުކުރުމަށް މަސްވެރިކަމާއި ބެހޭ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ވިސްނުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެބަހުރި ކަމަށް ނާޒިލް ވިދާޅުވިއެވެ.
މަސްވެރިން އައްޑޫގައި މުޒާހަރާކުރަމުންދާއިރު، މަސްވެރިން ވަނީ މިނިސްޓަރ ޝިޔާމް އާ ބައްދަލުކުރުމަށް ޑިމާންޑުކޮށްފައެވެ. އަދި މަސް ކިރާތާ 15 ދުވަހުގެ ތެރޭގައި ފައިސާ ދޭނެ ކަމުގެ ޔަޤީންކަން ދިނުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދައްކާ ޚަލާސްކުރުމަށް މަސްވެރިން ދަނީ އެދެމުންނެވެ. އެހެންނަމަވެސް މަސްވެރިންގެ އަޑު ސަރުކާރުން އަހަމުން ނުދާ ކަމަށާއި މަސްވެެރިންނަށް އެކަށީގެންވާ އިޖާބައެއް ނުލިބޭ ކަމަށް ފާހަގަކޮށް މަސްވެރިން ދަނީ އެކަމާއި މެދު ނުރުހުން ފާޅުކުރަމުންނެވެ.