ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 13:05
ވެނެޒުއެލާ އާއި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން
ވެނެޒުއެލާ އާއި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ފަހަތުން އަރައި ވެނަޒުއެލާ އިން އެކުއެޑޯ ބަލިކޮށްފި
މޮޅާއެކު ވެނެޒުއެލާ އިން އޮތީ ގްރޫޕް ބީގެ އެއް ވަނައިގައި.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގައި އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުން ވެނަޒުއެލާ މޮޅުވެއްޖެ އެވެ.

ގްރޫޕް ބީ ގައި އާދިއްތަ ދުވަހުގެ ފަތިހު ކުޅުނު މެޗު ވެނެޒުއެލާ އިން ކާމިޔާބު ކުރީ، އެކުއެޑޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި އެކުއެޑޯގެ އެނާ ވެލެންސިއާ އަށް ސީދާ ރަތް ކާޑު ދެއްކުމުން، މެޗުގެ ބޮޑު ބައި އެ ޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދު ކޮށެވެ. ނަމަވެސް ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެކުއެޑޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޖެރެމީ ސާމިއެންޓޯ އެވެ.

ވެނެޒުއެލާ އިން މެޗުގައި ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، 64 ވަނަ މިނެޓުގައި ޖެހީ ހޮންޑާ ކާޑިޒް އެވެ. އޭގެ 10 މިނެޓު ފަހުން އެ ޓީމު މެޗުން މޮޅު ކޮށްދިން ލަނޑު ޖެހީ އެޑުއާޑް ބެލޯ އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ދެ ކުޅުންތެރިންނެވެ.

މޮޅާއެކު ވެނެޒުއެލާ އިން އޮތީ ގްރޫޕް ބީގެ އެއް ވަނައިގަ އެވެ. އެއީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓާއެކު އެވެ. ގްރޫޕް ސްޓޭޖުގައި ވެނެޒެއެލާގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.

- ކޮމެންޓް