ކ. މާލެ
|
21 ޖޫން 2024 | ހުކުރު 17:26
ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ފަލަސްތީންގެ ރައްޔިތުންތަކެއް ހަންތަކަކަށް ފެން އަޅަނީ
ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ފަލަސްތީންގެ ރައްޔިތުންތަކެއް ހަންތަކަކަށް ފެން އަޅަނީ
އަލް- ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އަރުމީނިއާ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފި
އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ހުއްޓުމެއް ނެތި ހަމަލާދީ އެތައް ހާސް ފަލަސްތީނު ރައްޔިތުން މަރާ އަނިޔާކުރަމުންދާ އިރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަމަށް ފާޅު ކުރަމުންދާ ނުރުހުމުގެ ޝުއޫރުތަކަށް އިޒްރޭލުން ފަރުވާލެއް ނުބެހެއްޓިއެއް ކަމަކު ދުނިޔޭން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެންމެ ފަހުން މި ޗޭނަށް އިތުރުވި ބޮޅަކީ އަރުމީނިއާ އެވެ.

އަރުމީނިއާ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

ރިޕަބްލިކް އޮފް އަރުމީނިއާ އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަން އިއުލާނު ކުރީ ހުކުރު ދުވަހު އެ ގައުމުގެ ޚާރިޖީ ވުޒާރާ އިން އާއްމު ކުރި ބަޔާނެއްގައެވެ.

އަރުމީނިއާ ސަރުކާރުން ނެރުނު ބަޔާނުގައި، އިޒްރޭލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒު ކޮށް ދެމުންދާ މަރުގެ ހަމަލާ ތަކާއި އާންމު ތަންތަނަށް ދޭ ހަމަލާތަކަށް އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދާ ކަމަށް ބުނެފައިވެއެވެ.

ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އދ އިން މީގެ ކުރިން ފާސްކުރި ގަރާރަށް އަރުމީނިއާ އިން ތާއީދު ކޮށްފައިވާނޭ ކަމަށްވެސް މި ބަޔާނުގައި ވެއެވެ. އަދި ހުޅަނގު އޭޝިއާ ސަރަހައްދުގައި ދެމެހެއްޓެނެވި ސުލްހަ އާއި ހަމަ ޖެހުން ގާއިމް ވުމަށް އިޚްލާސްތެރި ކަމާއެކު އަރުމީނިއާ އިން އެދޭކަމެއް ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަރުމީނިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލް އަގްވާމީ ގިނަ ފޯރަމް ތަކުގައި އަރުމީނިއާއިން ވަކާލާތު ކޮށްފައި ވާނޭ ކަމަށެވެ.

އަރުމީނިއާ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާ އެކަން އިއުލާނު ކުރުމުން އިޒްރޭލުން އެކަމާ ރުޅިގަދަވެ، އިޒްރޭލުގައި ހުންނަ އަރުމީނިއާގެ ސަފީރު ވަނީ އިޒްރޭލުގެ ޚާރިޖިއްޔާ އަށް ހާޒިރު ކޮށްފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް އިންތިހާ އަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިތުރު ގައުމުތައް ކަމަށްވާ ސްލޮވީނިއާ އާއި މޯލްޓާ އިންވެސް ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ހުސްވި މަހުގެ ތެރޭގައި ސްޕެއިން އާއި އަޔަލެންޑް އަދި ނޯވޭ އިން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަނެ، ފަލަސްތީނު މިހާތަނަށް ބަލައިގަނެފައިވާ 140 އދ ގެ މެމްބަރު ގައުމުތަކުގެ ލިސްޓަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް