ކ. މާލެ
|
21 ޖޫން 2024 | ހުކުރު 10:39
އާޖެންޓީނާ އިން ކުޅުނު މެޗުގައި ކެޕްޓަން މެސީ
އާޖެންޓީނާ އިން ކުޅުނު މެޗުގައި ކެޕްޓަން މެސީ
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ޗެމްޕިއަން އާޖެންޓީނާ އަށް ރަނގަޅު ފެށުމެއް، މެސީ އަށް ރެކޯޑެއް
ކެނެޑާ މެޗާއެކު މެސީ ވެގެން ގޮސްފައި ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ މުބާރާތުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަށް.

ހުކުރު ދުވަހު ފެށި ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ފުރަތަމަ މެޗުގައި ކެނެޑާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އާޖެންޓީނާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސިސް މެކެލިސްޓާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. އޭގެ ކުރިން މެޗުގައި ލަނޑު ޖަހާނެ ފުރުސަތު މެސީ އަށް ވެސް ވަނީ ލިބިފަ އެވެ.

ކެނެޑާ ބަލިކޮށް، މޮޅަކުން އާޖެންޓީނާ އިން މުބާރާތް ފެށިއިރު، މެސީ އަށް ވަނީ ޚާއްސަ ރެކޯޑެއް ލިބިފަ އެވެ. ކެނެޑާ މެޗާއެކު މެސީ ވެގެން ގޮސްފައި ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ މުބާރާތުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަށެވެ. މެސީ ވަނީ މިހާތަނަށް މުބާރާޔުގަައި 35 މެޗު ކުޅެފަ އެވެ. މެސީގެ ފަހަތުން 34 މެޗާއެކު އެ ލިސްޓުގައި އޮތީ ޗިލީގެ ކުރީގެ ގޯލް ކީޕަރު ސާޖިއޯ ލިވިންސްޓޯން އެވެ.

މުބާރާތުގައި އާޖެންޓީނާގެ ދެ ވަނަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު އެ ޓީމު ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ.

- ކޮމެންޓް