ކ. މާލެ
|
21 ޖޫން 2024 | ހުކުރު 10:11
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު
ރާއްޖެއެމްވީ
ކުށްކުރުން އިތުރުވުން
ކުށް ގިނަ ވަނީ ކުރީގެ ސަރުކާރުން ޢަމަލު ކުރި ގޮތުން ކަމަށް ބުނެ ޝިފާން ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކައެއް - ސީޕީ ހަމީދު
އޭނާ ވިދާޅުވީ އިސް އޮފިސަރުން ނުވަތަ މުއައްސަސާއެއްގެ ތަމްސީލްކުރައްވާ ބޭފުޅުން ނުހައްގު ވާހަކައެއް މި ގޮތަށް ދެއްކެވުމަކީ މާޔޫސްވާ ކަމެއް ކަމަށާއި އެއީ ނުރައްކާތެރިކަމެއް ކަމަށް

މާލެ ސަރަހައްދުގައި ކުށް ގިނަ ވަނީ ކުރީގެ ސަރުކާރުން ޢަމަލު ކުރި ގޮތުގެ ސަބަބުން ކަމަށް ބުނެ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އެއީ މަޤާމާއި އެކަށީގެން ނުވާ ފަދަ ވާހަކަތަކެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ވާހަކަދައްކަވާފައެވެ.

ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން، ސީޕީ ހަމީދު ވިދާޅުވީ ޝިފާން ދެއްކެވި ވާހަކަތަކަކީ ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނަކަށް ހުންނަވާ ބޭފުޅަކު ދައްކަވައިގެން ވާނެ ޒާތުގެ ވާހަކައެއް ނޫން ކަމަށެވެ.

އަދި ޝިފާންގެ އެ ވާހަކަތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ އަދުލުވެރި ކަމާއި ޕްރޮފެޝަނަލިޒަމަށް ރައްޔިތުންގެ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފއެވެ.

މީގެ އިތުރުން ހުރިހާ ސަރުކާރެއްގައި ވެސް ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ސިފަކުރައްވާ އެކަމާއި މެދު ސީޕީ ހަމީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން ބޮޑެތި ކުށްތަކުގައި ދައުވާކޮށްފައިވާ މީހުނާއި ތަފާތު ކުށްތަކާއި ގުޅިގެން ޝަރުއީ ބަންދުގައި ބެހެއްޓުމަށް ނުވަތަ ކުށްވެރިންނަށް ޕެރޯލާއި މައާފު ދިނުމަށް ސަރުކާރުތަކުން ނުފޫޒު ފޯރުވުމަކީ ބޮޑު މައްސަލަ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސީޕީ ހަމީދު ވަނީ ފުލުހުންގެ މުއައްސަސާއިން ކުރަމުން ދަނީ ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކަމަށް ސިފަކުރައްވާފައެވެ. އެހެންނަމަވެސް ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ކުރިން ތިބި ވެރިން ނުވަތަ ވަކި ބަޔަކު ގޯސްކުރުމަށް ފަހު ފަރުޖައްސާލުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސް އޮފިސަރުން ނުވަތަ މުއައްސަސާއެއްގެ ތަމްސީލްކުރައްވާ ބޭފުޅުން ނުހައްގު ވާޙަކައެއް މި ގޮތަށް ދެއްކެވުމަކީ މާޔޫސްވާ ކަމެއް ކަމަށާއި އެއީ ނުރައްކާތެރިކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް