ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 16:23
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ
ޓްވިޓަރ
ކޮޕާ އެމެރިކާ 2024
ކާމިޔާބީތައް މާޒީވެއްޖެ، ދެން އޮތީ ކުރިމަގަށް މަސައްކަތް ކުރުން: ސްކަލޯނީ
މުބާރާތާ ކުރިމަތިލަނީ، މުބާރާތުގައި ދިމާވާނެ ގޮންޖެހުންތައް ވެސް އެނގިގެން ކަމަށާއި، އެކަންކަމާ ކުރިމަތިލާން ތައްޔާރުވެގެން ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފައި.

ފުޓުބޯޅައިގައި މި ފާއިތުވި އަހަރުތަކުގައި އާޖެންޓީނާ އިން ހޯދި ކާމިޔާބީތައް މާޒީވެއްޖެ ކަމަށާއި، ދެން އޮތީ ކުރިމަގަށް މަސައްކަތް ކުރުން ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނީ ހުކުރު ދުވަހު ފަށާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އާޖެންޓީނާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަނެއްކޮޅުން މިއަހަރުގެ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންނަކީ ވެސް އާޖެންޓީނާ އެވެ.

އާޖެންޓީނާގެ ކޯޗުކަމާ ސްކަލޯނީ ހަވާލުވީ ފަހުން އެ ޓީމުން ވަނީ 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކޮށްފަ އެވެ. އެއަށްފަހު ވަނީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ވެސް އާޖެންޓީނާ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ސްކަލޯނީ ބުނީ، އާޖެންޓީނާ އޮތީ ވަރަށް ރަނގަޅު ޙާލަތެއްގައި ކަމަށާއި، ޓީމުގައި މިވަގުތު އޮތީ ވެސް ރަނގަޅު ރޫޙެއް ކަމަށެވެ. އެހެންކަމުން މުބާރާތާ ކުރިމަތިލަނީ، މުބާރާތުގައި ދިމާވާނެ ގޮންޖެހުންތައް ވެސް އެނގިގެން ކަމަށާއި، އެކަންކަމާ ކުރިމަތިލާން ތައްޔާރުވެގެން ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ، އާޖެންޓީނާ އަށް ކާމިޔާބު ކުރެވިފައިވާ އެންމެހާ ކަންކަމަކީ ވަރަށް ރަނގަޅު އަދި ފުރިހަމަ ކަންތައްތަކެއް ކަމަށެވެ. އެހެން ނަމަވެސް އެ ކާމިޔާބީ ތަކަކީ މާޒީކަން ފާހަގަކުރަމުން ސްކަލޯނީ ބުނީ، އާޖެންޓީނާ އިން ދެން މަސައްކަތް ކުރަން ޖެހޭނީ މުސްތަޤުބަލަށް ވިސްނައިގެން ކަމަށެވެ.

މަސައްކަތް ކުރަމުން އަންނަނީ އެމަގަށް ވިސްނައިގެން ކަމަށާއި، ޓީމަށް ކުޅުންތެރިން ނަގަނީ އެންމެ ރަނގަޅު ކުޅުންތެރިންނަށް ބަލައިގެން ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. އޭނާ ބުނީ އަބަދު ވެސް މަސައްކަތް ކުރަނީ ޓީމަށް އެންމެ ފައިދާވާ ގޮތަށް ކަމަށާއި، ކުޅުންތެރިން ޓީމަށް އައިސް، ގޮސް ހަދާނެ ކަމަށެވެ.

ކެނެޑާ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އެ ޓީމަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ. ޚާއްސަކޮށް އެ ޓީމަށް އައު ކޯޗެއް ގެނައި ފަހުން، އެ ޓީމުން އައު ޚިޔާލުތަކެއްގައި މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަ ކަމަަށް ވެސް ސްކަލޯނީ ވަނީ ބުނެފަ އެވެ. އެހެންކަމުން ކެނެޑާއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށާއި، ނަމަވެސް އާޖެންޓީނާ އިން އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އިން ކެނެޑާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ފަތިހު ފަހެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް